ރަންނަބަނޑޭރިކިލެގެފާނު މާލެވަޑައިގަތުން

31 Oct 2018 | 13:57

ސުމުއްވުލް އަމީރް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވާ "ދިވެހި ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެދަށުގައި" މިފޮތް ކިޔަމުންދަނިކޮށް ފޮތުގެ ފަހުކޮޅުގެ ހިސާބެއްގައި އަޅުގަޑު އަޅައިގެންފިއެވެ. އެސަފްހާތަކުގައި ގެންނަވާފައިވަނީ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ސިލޯނުގައި ހުންނަވާފައި ރާއްޖެ ވަޑައިގަންނަވައިގެން އުޅުއްވި ވާހަކަތަކެކެވެ.

އޭގެކުރިން އެހެންވާހަކައެއް ގެންނަވާފައި ވެއެވެ. ދިވެހި ރާއްޖޭގެ ރަސްކަމަށް ރަންނަބަނޑޭރިކިލެގެފާނު އިސްކުރައްވަންވެގެން ކުރެވުނު މަސައްކަތްތަކެއް އިގިރޭސިން އެއްބަސްނުވެގެން އޮތީ ކުރިއަށް ނުގޮހެވެ. މައްސަލައަކީ ދިވެހި ރާއްޖޭގެ ވިރާސީ ރަސްކަން ވާރުތަވަމުންއައިގޮތާއި ޚިލާފަށް ރަސްކަމަށް އިސްކުރަންޖެހުމެވެ. އިނގިރޭސިން އެއްބަސްނުވެގެން މުހައްމަދު އަމީން ކޮޅުނބަށްވަޑައިގެން އިގިރޭސިންނާ އެދެއްކެވި ވާހަކައެއް ދައްކަވާ ނިންމެވިތާ ދުވަސްކޮޅެއްނުވަނީސް އިގިރޭސިން ރުހިއްޖެއެވެ. އެމީހުން ރުއްސަން ކުރެއްވިކަންކަން އަމީން ދީދީ ވަނީ އެވާހަކަ ދެއްކުމުގެ ބޭނުމެއްނެތްކަމަށް ވިދާޅުވެ ދޫކޮށްލައްވާފައެވެ.

ރަންނަބަނޑޭރިކިލެގެފާނު ދިރިއުޅުއްވީ ކޮޅުނބުގައެވެ. އެކިލެގެފާނު މާލެ ވަޑައިގަންނަވާ ހިތްޕުޅުވުމާއި އަދި އެކިލެގެފާނު ގެންނަވަންވެގެން އަމީންދީދީ ހިތްޕުޅުގައި އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކޮޅުނބަށްވަޑައިގެން އެވާހަކަ ދަންނަވައި ދަތުރުފުޅުގެ ކަންތައް ހަމަޖެހިގެން މާލެވަޑައިގެންނެވި ދުވަހު، އެކީ ހޫނު މަރުހަބާގެ ވާހަކަ ހަގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި އަމީންދީދީ ވަރަށް ފަށުވި އިބާރާތްތަކަކުން ބަޔާންކޮށްދީފައިވެއެވެ. މާލެވަޑައިގަތީމާ ރައްޔިތުންގެ މަޖިލީހުގެ ވެރިންނާއި ބޮޑެއްޗަށް ތިއްބެވި ހުރިހައި ބޭފުޅުންވަޑައިގެން ގައުމުގެ ވަލީއާއި އެމަނިކުފާނާއި ހަވާލުކުރެއްވީއެވެ.

މިވާހަކައަށް އަޅުގަނޑުގެ ޝައުގުވެރިކަން ހުއްޓުނީ މިކަންހިގިތާ އެތައް އަހަރެއްފަހުން މިއަދު އެހާ ކުލަގަދަ މަރުހަބާއެއް އަޅުގަޑުމެންގެ ތެރެއިން ބޭފުޅަކަށް ދަންނަވަން ތައްޔާރުވަމުންދާވާހަކަ އިވޭތީއެވެ.

އާދެ އަޅުގަޑުމެންގެ ކުރީގެ ރައީސެއްކަމަށްވާ މުހައްމަދު ނަޝީދު އަށް އެމަނިކުފާނުގެ ޕާޓީން ކިޔަންއުޅޭ މަރުހަބާއެކެވެ.

ރައީސް މުހައްމަދު ނަޝީދުވެސް ހުންނެވީ ކޮޅުނބުގައެވެ. ރާއްޖެވަޑައިގަންނަވާ ހިތްޕުޅުންނެވެ. އެމަނިކުފާނުގެ އަރިހަށްގޮސް ވަރަށް ގިނަ މީހުން އެމަނިކުފާނު މާލެވަޑައިގެންދެއްވުމަށް ދަންނަވަމުންދާތީ އެކަން ގަބޫލުފުޅުކުރެއްވީއެވެ. އެމަނިކުފާނު ދެކިލާހިތުން ކެތްމަދުވެފައިވާ އެތައްހާސް ބަޔަކު އެބަތިއްބެވެ. އެހެންވީމާ މީހުންގެ ހިތްހަމަޖައްސައިދިނުމަށް މާލޭގައި މީހުންނާއި ބައްދަލުކުރައްވައި އައްޑުސިޓީއަށްވެސް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް އިވެއެވެ. މާލޭގައި އޮތީ މަރުހަބާ ދެންނެވުމަށް ކަނޑުމަތީގެ ކުޅިވަރުތަކެވެ. ޕާޓީގެ އެމަނިކުފާނަށް ތާއީދުކުރާ މީހުންބޭނުންވަނީ ރަންނަބަނޑޭރިކިލެގެފާނާ ވަލީ ހަވާލުކުރިގޮތަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދުވަސްކޮޅަކުން ގައުމުގެ ވަލީ އެމަނިކުފާނާއި ހަވާލުކުރުމަށެވެ. ކުރީގައި ރަސްކަމުގެ ތަޚްތެވެ. މިހާރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމެވެ. އިބްރާހިމް މުހައްމަދު ސާލިހް އިސްތިއުފާ ދެއްވާފައި ރައީސްކަމުގެ ގޮނޑިކޮޅަށް ނަޝީދު އިންތިޚާބުކުރުމަށް ބޭނުންވާ ކަންކަން ހަމަޖައްސައިދޭނީއެވެ. ކަނޑުމަތީގައި މިބާއްވާ މަރުހަބާގެ ކަންކަމަކީ އަމީން ދީދީގެ ބަހުންނަމަ ދިވެހި އުއްމަތް އެމަނިކުފާނަށް ބޭނުންވެފައިވާވަރު ދައްކާލުމެކެވެ.

އެކަމަކު އަޅުގަޑުގެ ހިތްބުނަނީ މިއީ ރައީސް ނަޝީދު ބޭނުންފުޅުވެގެން އެމަނިކުފާނުގެ ޕާޓީން ކުރާކަންތައްތަކެއް ނޫނެވެ. ނަޝީދަކީ އެއަށްވުރެ ސާދާ ބޭފުޅެކެވެ. އަމިއްލަ ހައިބަތާއި އިއްޒަތާއި ޝަރަފް ދެއްކުމަށް ރައްޔިތުން އެއްކޮށްގެން ބެރުޖަހައި ލަވަކިޔައި ދޯނިރޭސް ބާއްވައި މިކަހަލަ ކަންކޮށްފައިވަނީ ކޮންމެވެސް ނިޒަމްގެ ފިކުރުގެ ބައެކެވެ. އެއީ މާކުރިއެވެ. އަދި އެއީ ކުރީގެ ޚުދުމުޚްތާރު ވެރިކަންތަކުގެ ހަނދާންތައް އާކުރުވާ ކަންކަމެވެ.

ސިޔާސީގޮތުން ދޭ މެސެޖަކީ ކޮބާ؟

ކޮންމެއަކަސް ރަންނަބަނޑޭރި ކިލެގެފާނުގެ ވާހަކަ އެހިބަޔަކަށް ޚާއްސަކޮށް ރައީސް ނަޝީދުގެ ޕާޓީގެ މީހުންނަށް ރައީސް މުހައްމަދު ނަޝީދުއަކީ މިޒަމާނުގެ ރަންނަބަނޑޭރި ކިލެގެފާނެވެ. އެނަންކިޔާ ލަގަބެއް އޮތްނަމަ އެރުވީހެވެ. މިހާރު ހުންނަ ލަގަބުތަކަކީ ރާއްޖޭގެ މަހާތުމާގާނދީއެވެ. ރާއްޖޭގެ ނެލްސަން މަންޑޭލާއެވެ. އެކަމަކު ރަންނަބަނޑޭރިކިލެގެފާނު ކަންތައްކުރައްވާފައިވާ ގޮތް ދަންނަ ބަޔަކު ޚިޔާލުތަފާތުވެދާނެއެވެ. އަމީންދީދީ ވިދާޅުވަނީ ރަންނަބަނޑޭރިކިލެގެފާނަކީ ދިވެހި ރާއްޖެ ނުދެކޭފަދަ ސިޔާސީ މުހައްނިކެކެވެ. އެކިލެގެފާނަށް ފާޑުކިޔާ މީހަކު ނުހުރެއެވެ. އެކަމަކު ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔާމީހުންގެ ނަޒަރުގައި އެމަނިކުފާނަކީ ފެއިލްޑް ޕޮލިޓީޝަނެކެވެ. ރަންނަބަނޑޭރިކިލެގެފާނުގެ ހުންނަފަދަ ހިކުމަތްތެރިކަމެއް ނުހުރެއެވެ. ވެރިކަމުން ކުއްލި އިސްތިއުފާއެއް ދެއްވީ އެހެންވެގެންނެވެ. މުހައްމަދު ވަހީދުގެ ވެރިކަން ވަށްޓާލަން ނުކުންނަވައިގެން އެކަން ނުވިއެވެ. ޔާމީންގެ ވެރިކަން ވަށްޓާލަން އުޅުއްވައި އެކަމެއް ނުވިއެވެ. އަލުން ވެރިކަމަށް ވަޑައިގަންނަވަން ދެފަހަރު އުޅުއްވައިގެންވެސް އެކަމެއް ނުކުރެއްވުނެވެ.

އެމްޑީޕީން މިރާވާ މަރްހަބާގެ ކަންތައްގަޑުގެތެރެއިން އެހެންކަމެއްވެސް ބުނެދެއެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވޭ މެސެޖަކީ އެމަނިކުފާނަކީ ޕާޓީގެ ދެވަނަ ދަރަޖައިގެ މީހެއްކަމެވެ. އެހެންނޫންނަމަ އާ ރައީސް މަގާމުގެ ހުވައިކުރެއްވުމަށް ތައްޔާރުވަމުންދަނިކޮށް އަވަސް އަރުވާލައިގެން މިވަރުގެ ހަރަކާތްތަކެއް ނުރޭވީހެވެ. އެމްޑީޕީގެ ކެންޑްޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ފަސް އަހަރު ދުވަހުހަށް ރާއްޖެގެ ރިޔާސަތަށް އިންތިޚާބުކުރުމުން ލިބުނު އުފަލަށްވުރެ ނަޝީދު މާލެވަޑައިގަންނަވާތީ ލިބޭ އުފާ އެޕާޓީއަށް ބޮޑެވެ. ދިވެހިންގެ އުއްމީދަކީ ރައީސް ޔާމީން ރަންނަބަނޑޭރިކިލެގެފާނަށް ރައީސް މައުމޫނު ނުހައްދަވައިގެން ނުވަތަ ރައީސް މައުމޫން ވިދާޅުވާގޮތަށް ކަންތައް ނުކުރައްވައިގެން ކަންތައް މިހިގައިދިޔަގޮތަށް އިބްރާހިމް މުހައްމަދު ސާލިހާމެދު ކަންތައް ވެގެންނުދިއުމެވެ.

Advertisement

ކޮމެންޓް