Advertisement

7 މެންބަރެއް މާލީ ބަޔާން ހާމައެއް ނުކުރޭ: ޓްރާންސްޕޭރަންސީ މޯލްޑިވްސް

30 Oct 2018 | 13:10

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހޯދި މައުލޫމަތުން 7 މެންބަރެއް އެބޭފުޅުންގެ މިލްކިއްޔާތުގައި 2017 ވަނަ އަހަރު ހުރި މުދަލުގެ ތަފްސީލު އާންމުކޮށްފައި ނުވާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

އެ 7 މެންބަރުންނަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން، ހއ އިހަވަނދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންއެވެ.

ޓްވިޓާ މެދުވެރިކޮށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އާންމުކުރި މިވާހަކަތަކަށް ފާރިސް މައުމޫން ރައްދު ދެއްވަމުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުން ނިގުޅައިގަނެ އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން އެ މައުލޫމާތުތައް ހުށަނޭޅުނީ ކަމަށެވެ. އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އެ ވާހަކަތައް އާންމު ކުރުމުގެ ކުރިން އޭނާގެ ބަހެއް ހޯދިނަމަ ވަރަށް ރަނގަޅުވީސް ކަމަށްވެސް ފާރިސް ބުނެފައިވެއެވެ.

ފާރިސްގެ މިވާހަކަތަކައި ގުޅިގެން އެފަދަ ހާލަތެއްގައި މެންބަރުންނަށް އެ މައުލޫމާތު ހުށަހަޅައި ހާމަކުރުމަށް އިތުރު ވަގުތު ލިބޭތޯ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިންވަނީ ސުވާލު އުފައްދާފައެވެ.

މިލްކިއްޔާތުގައި ހުރި މުދަލުގެ ތަފްސީލު ހާމަކުރުމަކީ މެންބަރުން ގާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާއެކެވެ. ނަމަވެސް މި މައުލޫމާތު ހުށަނާޅައި ތިއްބެވި މެންބަރުންނާއި މެދު ފިޔަވަޅެއް އަޅާފައިވާކަމެއް މަޖިލީހުގެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހާއިމެދު ރައްޔިތުންގެ މެދުގައި އިތުބާރު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި މެންބަރުންތަކަކާއި މެދު ކުރެވިފައިވާ ރިޝްވަތުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާ މި ދަނޑިވަޅުގައި ހުރިހާ މެންބަރުންވެސް އަމިއްލިއަށް އިސްނަގައިގެން އެބޭފުޅުންގެ މިލްކިއްޔާތުގައި ހުރި މުދާތަކުގެ ތަފްސީލް ހާމަކުރުމަށްވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް

Advertisement