އިސް ގާޒީ ހައިލަމް ވަކިކުރަން ކޮމެޓީން ފާސްކޮށްފި

02 Dec 2019 | 15:00

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމު މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

ގާޒީ ހައިލަމު ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ އެކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. އެމައްސަލަ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މިއަދުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރުމަށްފަހު ހައިލަމް ވަކިކުރުމުގެ މައްސަލަ ދިރާސާކުރަން މަޖިލިހުގެ ތަޅުމުން ވަނީ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފައެވެ.

މިއަދު މެންދުރު ފަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ގާޒީ ހައިލަމު މަގާމުން ވަކިކުރަން ފެންނަ ކަމަށް ކޮމެޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ގާޒީ ހައިލަމު މަގާމުން ވަކިކުރަން ނިންމާފައި މިވަނީ، ދިވެހި ރާއްޖޭގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިފައިވާ ޕޯސްޓެއް ވައިބާ ގްރޫޕަށް ލީ މައްސަލައިގައެވެ.

އެމައްސަލަ ހޫނުވި ފަހުން ގާޒީ ހައިލަމު ވަނީ އެ ޕޯސްޓްގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ސިފަވާ ގޮތަށް ހުރިކަން އެނގިނުލައްވާ ކަމަށް ވިދާޅުވެ، އެކަމަށް މައާފަށް އެދިވަޑައިގެން ބަޔާނެއް ނެރެފައެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފުވެ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތައް ނެތިގެންދާފަދަ އަމަލުތަކެއް ގާޒީ ހައިލަމު ކުރައްވާފައިވާކަމަށް ކޮމިޝަނަށް އިއްތިފާގުވެފައިވާ ކަމަށެވެ.

ހައިލަމްގެ އެ ބަޔާނަކީ މި މައްސަލައިގައި އޭނާގެ ބަސް ކަމަށް ބަލައި، ޖޭއެސްސީން ބުނެފައިވަނީ، ހައިލަމްގެ ސުލޫކީ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މައްސަލަ ރައްދުވާ ފަރާތް މަސައްކަތަށް ނުކުމެ އުޅުމަކީ މައްސަލައިގެ ޒާތުން ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިދާނެ ޒާތުގެ ކަމަކަށް ވާތީ، 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ހައިލަމަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ އަދިވެސް ހައިލަމު ހުންނެވީ ސަސްޕެންޝަނުގައެވެ.

Advertisement

ކޮމެންޓް