ބަދަލު ދިނުމަށް މިންގަނޑެއް ކަނޑައަޅަންޖެހޭ: ހާރޫނު

03 Dec 2019 | 13:40

ބަދަލު ދިނުމަށް ގާނޫނުގެ ތެރެއިން މިންގަނޑެއް ކަނޑައަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަހުމަދު ހާރޫނު ވިދާޅުވީ، އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ގޮތުން ދައުލަތުން މިލިއަނުން ފައިސާ ހޭދަކުރަންޖެހުމަކީ މިއަދު ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ބަދަލު ދިނުމުގެ މައްސަލައިގއި ކަންބޮޑުވުން ފާޅުކުރައްވައި ހާރޫނު ވިދާޅުވީ މިއަދު އެކި ފަރާތްތަކަށް ބަދަލު ދޭން ޖެހިފައި މިވަނީ އޭރު ސަރުކާރު ހިންގުމުގެ އިސް ވެރިންގެ ގޮތުގައި ތިއްބެވި ފޭޅުން ނިންމަވައިފައިވާ ނިންމުންތަކުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ ބަދަލެއް ދޭންޖެހޭނަމަ، އެބަދަލެއް ދޭންވާނީ އެބައެއްގެ އަތުން ފައިސާ ހޯދައިގެން ކަމަށާއި ނިންމަވައިފައިވާ ނިންމުމެއްގެ ސަބަބުން އެހާބޮޑު ބަދަލެއް ދޭންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

''މިއީ ބަޔަކު މީހުންގެ އިހުމާލުން ހިނގާފައިވާ ކަމެއް. އޭގެ ބަދަލު ދޭންޖެހޭނީ އިހުމާލުވި ބައެއްގެ އަތުން ފައިސާ ހޯދައިގެން. ވިމްލާގެ މައްސަލަވެސް ބަދަލު ދިނުން ފަސްކުރަން އެބަޖެހޭ. އެގްރިމެންޓްތައް ބާތިލުކޮށްފައި ކޮންމެ މީހަކުވެސް މިދަނީ ވަޒީފާ ދޫކޮށްލާފައި.'' ހާރޫނު ވިދާޅުވިއެވެ.

ހާރޫނު ވިދާޅުވީ، ގެއްލުމެއް ލިބިއްޖެނަމަ އެމީހަކަށް ބަދަލު ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް ކަރުދާހުގައި ލިޔެފައިހުރި އަދަދުތަކަކަށް ބަލައި، ބަދަލު ދިނުމަކީ އެންމެ ރަގަޅު ގޮތްކަމަށް ނުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''އެންމެ ބޮޑު ކަންބޮޑުވުމަކީ އެމައްސަލަ އަލުން ރިވިއުކުރާއިރު، ކުރިން އޮތްގޮތަށް ނިމިއްޖެނަމަ މިހާރު ސެޓްލްމަންޓަށް އެއްބަސް ވެފައިވާ އަދަދަށްވުރެ ބޮޑު ދައުލަތުން ދޭންޖެހިދާނެ ކަމުގެ ކަންބޮޑުވުން. މަޖިލީހުން އެބަޖެހޭ މިކަމަށް ގާނޫނީ ހައްލެއް ހޯދަން. އެބަޖެހޭ ގާނޫނުގެ ތެރެއިން ބަދަލު ދިނުމުގެ މިންގަނޑުތަކެ ކަނޑައަޅަން.'' ހާރޫނު ވިދާޅުވިއެވެ.

ހާރޫނު ވިދާޅުވީ ނުހައްގުން އެކިއެކި އެއްބަސްވުންތައް ބާތިލުކޮށްފައި އެބަހުރި ކަމަށާއި އެކަމަށް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

Advertisement

ކޮމެންޓް