ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންނެއް އަޅުގަނޑު ނުދަންނަން: ގާސިމް

04 Dec 2019 | 05:51

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި، ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންނަކީ ކޮން ބައެއްކަން އެެނގިވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެކަމުގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ގާސިމް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށް ދެއްކި ވާހަކައާއި ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ހުކުމް އިއްވި އިރު، އޭގެތެރޭގައި ގާސިމް ދަންނަ ފަނޑިޔާރަކު ނެތް ކަމަށެވެ. އަދި އެއިން އެއްވެސް ފަނޑިޔާރަކާއި އާއިލީ ގުޅުމެއްވެސް އެހެން ގުޅުމެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

''ޔާމީނަށް ހުކުމް ކުރަން ފަނޑިޔާރުގޭގައި އިންނެވީ އަޅުގަނޑު ނޫންކަން ހުރިހާ ރައްޔިތުންނަށް ސާފުވާނެ. އަޅުގަނޑެއް ނޫން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އިނީ. އަޅުގަނޑެއް ނޫން ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގައި އިނީ. އަޅުގަނޑާ ތިމާގެ، އަޅުގަނޑު ދަންނަ މީހަކު ވެސް އެ ތަނުގައި ނޫޅޭނެ. ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި އެއްވެސް ފަނޑިޔާރަކު އަޅުގަނޑު ނުވެސް ދަންނަން.'' ގާސިމު ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ، އޭނާއާ ދިމާލަށް އިދިކޮޅު ފަރާތްތަކުން ތަފާތު ތުހުމަތުތައް ކުރަނީ އެއްވެސް ހަގީގަތެއް އޮވެގެން ނޫން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާ ގުޅުވައިގެން ވާހަކަ ދައްކަނީ ޕީޕީއެމް ދޫކޮށް، ޖުމްހޫރީ ޕާޓީއާ ބަޔަކު ގުޅިދާނެތީ އެކަމުގެ ބިރަށް ކަމަށް ގާސިމު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް