ހަ ގަޑިއިރުގެ ޖަލްސާއެއްގައި ހަތަރު ގަޑިއިރު ނަގަނީ ރިޔާސަތަށް: ހުސައިން މުހައްމަދު

05 Dec 2019 | 09:16

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަ ގަޑިއިރަށް ކުރިޔަށް ގެންދާއިރު، އެތަނުން ހަތަރު ގަޑިއިރު ރިޔާސަތުން ބޭނުންވާ ވާހަކަފުޅު ދައްކަވަން ހޭދަަަަަަކުރައްވާ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ހުސެއިން މުހައްމަދު މިފަދައިން ވިދާޅުވީ، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލައި އިދިކޮޅު މެންބަރުން މަޖިލީހުގައި ކުރަމުންދާ އިހުތިޖާޖާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގައެވެ.

ހުސައިން ވިދާޅުވީ ރައީސް ޔާމީން މިނިވަން ވަންދެން، ނުވަތަ މިނިވަން ކުރަންދެން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިހުތިޖާޖު ހުއްޓައިނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމުގެ ހާލަތާ މެދު މިއަދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންގެ އަޑު އުފުލުމަށް ރިޔާސަތުން ފުރުސަތު ނުދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރަކަށް ދެ މިނެޓްގެ ވަގުތު ދެއްވާއިރު، އެތަނުން އެއް މިނެޓްގައި ރިޔާސަތުން ވާހަކަ ދެއްކެވުމަށް މެންބަރުގެ ވާހަކަތައް ހުއްޓުވައި ކަމަށް ހުސައިން ވިދާޅުވިއެވެ.

''މަޖިލީހުގެ ޖަލްސާއެއްގައި އެބަ ނަގާ ހަ ގަޑިއިރު، އެތަނުން ހަތަރު ގަޑިއިރު ނަގަނީ ރިޔާސަތުގައި އިންނަވާ ބޭފުޅާ ބޭނުންފުޅުހާ ވާހަކައެއް ދައްކަވަން. ކޮންމެ މެންބަރަކު ވާހަކަ ދައްކަވަނިކޮށް ހުއްޓުވާފައި ރައްޔިތުންނަށް ރަގަޅު ގޮތަކީ ކޮބައިކަން ނުރަގަޅު ގޮތަކީ ކޮބައިކަން ވިސްނައިދެން. މިއީ ރައްޔިތުންނަށް ހުރި ބޮޑެތި ގޮންޖެހުންތައް.'' ހުސައިން މުހައްމަދު ވިދާޅުވިއެވެ.

މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން މެންބަރުންގެ ވާހަކަތައް ހުއްޓުވައި އެމަނިކުފާނުގެ އަމިއްލަފުޅު ވާހަކަތައް ކުރިޔަށް ގެންދަވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މިއީ ދިވެހި ގައުމުގެ މުސްތަގުބަލައި ހަވާލުވާން ތިބި މީހުން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ރައްޔިތުންނަށް ދަސްކޮށްދެއްދެމުން އެގެންދަވަނީ މަޖިލީހުގެ ތަޅުމުގެ ތެރެއިން ނުބައި ކަންތައްތަކެއް ކަަމަށް ހުސައިން ވިދާޅުވިއެވެ.

މީގެއިތުރުން ހުސައިން ވިދާޅުވީ މިއަދު އިދިކޮޅު މެންބަރުން ދައްކަވަނީ ނުހައްގުން ''ނަހަލާލުން'' ރައީސް ޔާމީންގެ މައްޗަށް ހުކުމެއްކޮށްގެން އުޅޭ ވާހަކަ ކަމަށެވެ. މިހާރު މަޖިލީހުން ފާސްކުރާ ތަފާތު ބިލުތަކާއި ގުޅިގެން އުފެދޭ ކޮރަޕްޝަނުގެ މައްސަލަތައް ހުއްޓެނީ މިއަދު އިންސާފު ނުލިބޭ ކަމަށް ބުނާ ކޯޓުތަކާއި ދިމާލަށް ކަމަށް ހުސައިން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement