Advertisement

އިދިކޮޅު އިހުތިޖާޖު ލީޑުކުރާ ދެ މީހަކު ހއްޔަރުކޮށްފި

07 Dec 2019 | 00:12

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަން ކުރުމަށް ގޮވައިލައި، އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރާ އިހުތިޖާޖު ލީޑުކުރާ ދެމީހަކު މިރޭ ހައްޔަރުކޮށްފިއެވެ.

''ވޮއިސް'' އަސް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު، ވިދާޅުވީ މިރޭ އިހުތިޖާޖު ކުރަމުންދަނިކޮށް، ޕީޕީއެމްގެ އޮފީސް ކުރިމަތިން ހައްޔަރުކުރީ އެޕާޓީގެ މެންބަރު އަހުމަދު އާސިފު ކަމަށެވެ.

ހައްޔަރުކުރި ދެވަނަ މީހަކީ އަހުމަދު ނާޒިމު، (ހެރިންސް އަންމަޑޭ) އެވެ. އަންމަޑޭ ހައްޔަރުކުރީ އޮކްސިޖަން ކެފޭއިން ނުކުންނަނިކޮށް ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އިދިކޮޅު އިހުތިޖާޖުގެ އިސް ބައިވެރިން ހައްޔަރުކުރަނީ ބިރުދައްކަން ކަމަށާއި ދައްކާ ބިރަކަށް ޖެހިލުން ނުވެ، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އިދިކޮޅުން ކުރާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ފާސްކުރި ގަރާރާ އެއްގޮތަށް މަސައްކަތް ކުރާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

އިދިކޮޅުން ފާސްކުރި ގަރާރުގައި ރައިސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެ، އެހުކުމް ބަލައި ނުގަންނަން ވަނީ ނިންމައިފައެވެ. އަދި އެމަނިކުފާނު މިނިވަން ކުރަންދެން މުޅި ރާއްޖޭގައި އިހުތިޖާޖުކުރުމަށް ވެސް ނިންމާފައި ވެއެވެ.

Advertisement

ކޮމެންޓް