މިއީ ސަރުކާރުގެ ނިމުމުގެ ފެށުން: މުންދު

05 Dec 2019 | 10:52

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަންކުރުމަށް ގޮވައިލައި، އިދިކޮޅު ފަރާތްތަކުން ކުރާ އިހުތިޖާޖަކީ، މިސަރުކާރުގެ ނިމުމުގެ ފެށުން ކަމަށް، ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއަށާއި އަދި ސްރީލަންކާއަށް ކަނޑައެޅުއްވި ސަފީރު، މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައިސް ހިންގިފަދަ ޖަރީމާތައް މިސަރުކާރުގައިވވެސް ހިންގަމުންދާ ކަމަށާއި އެކަމުގައި ދެ ސަރުކާރުގައި އެއްވެސް ތަފާތެެއް ނެތް ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް އަނިޔާވެރިވީ ފަނޑިޔާރުންނަށްކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، ނަޝީދުގެ ސަރުކާރުގެ ނިމުން އައީ ގާޒީ އަކު ހައްޔަރުކުރުމުން ކަމަށެވެ. ހަމަ އެ އުސޫލުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް ފެނިގެންދަނީ ފަނޑިޔާރުން ފަހާ ދުވާ މަންޒަރު ކަމަށް މުންދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ފުރަތަމަ ދުވަސްކޮޅުވެސް ރައީސް ޔާމީންހައްޔަރުކުރި ކަމަށާއި މިފަހަރުވެސް ވެރިކަމުގެ ކުރީ ކޮޅުގައި ރައީސް ޔާމީން ހައްޔަރުކުރި ކަމަށް މުންދު ވިދާޅުވިއެވެ.

''މިއީ ފާލެއްނޫން. އަޅުގަނޑު ދަންނަވާނީ މިއީ ވެރިކަމުގެ ނިމުމުގެ ފެށުމޭ. ކުރިންވެސް ޖުޑިޝަރީތެރެއަށް ހަތަރެސްފައި ބޭނީމާ ދެންވީ ކިހިނެއްތޯ، ސަރުކާރު ނިމުނީ. އަނެއްކާވެސް އެކުޅި އެފެށީ، އަޅުގަނޑަށް ފެންނަ ގޮތުގައި މާލަހެއްނުވެ ދެންފެނިގެންދާނީ އިސްތިއުފާ ދެއްވާފައި ގެޔަށް ވަޑައިގަތުން.'' މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ 2008 ގައި އެމްޑީޕީގެ ވެރިކަމުގައިވެސް ޖަރީމާ ހިންގީ ރައީސް ނަޝީދދު ކަމަށާއި މިހާރުވެސް ޖަރީމާ ހިންގަނީ ރައީސް ނަޝީދު ކަމަށެވެ. ދެ ސަރުކާރުގައިވެސް ތަފާތެއް ނެތްކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ މިފަހަރު ސަރުކާރުގެ ނިމުން އަވަސްވާނެ ކަމަށެވެ.

Advertisement

ކޮމެންޓް