އާ ސަރުކާރާއި ދެކޮޅަށް ކޮޅުނބުގައި ވަރުގަދަ މުޒާހަރާއެއް

31 Oct 2018 | 20:56


މިދިޔަ ހުކުރު ދުވަހު، ސްރީލަންކާގެ ބޮޑުވަޒީރުކަމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އައްޔަންކުރެއްވި، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރާއި ރައީސް ސިރިސޭނާއާއި ދެކޮޅަށް ވެރިރަށް ކޮޅުނބުގައި ވަރުގަދަ މުޒާހަރާއެއް ފަށައިފިއެވެ.

މަގާމުން ދުރުކުރެވުނު ބޮޑުވަޒީރު އަދި ޔޫއެންޕީގެ ލީޑަރ ރަނިލް ވިކްރަމަސިންހަ ދިރިއުޅުއްވާ ބޮޑުވަޒީރުގެ ގެކޮޅު ކަމުގައިވާ ޓެމްޕަލް ޓްރީސް ސަރަހައްދުގައި ކުރިއަށްދާ މި މުޒާހަރާގައި ބައިވެރިވުމަށް ސްރީލަންކާގެ އެކި ކަންކޮޅުތަކުގެ އެކި ފަންތީގެ މީހުން ވަނީ ކޮޅުނބަށް ޖަމާވެފައެވެ. މިއަދު މެންދުރުފަހު ފެށި މި މުޒާހަރާ އަދިވެސް ކުރިއަށްދާއިރު މި މުޒާހަރާގައި ގިނަ ފަރާތްތަކުން ދަނީ ގާާނޫނީ ބޮޑުވަޒީރަކީ ރަނިލްކަމަށް ބުނެ، މަޖިލިސް އަލުން ފެއްޓުމަށް ދަނީ ގޮވާލަމުންނެވެ. ފާހަގަކޮށްލެވޭގޮތުގައި ސްރީލަންކާގެ ގާނޫނު މަޖިލިސް ވަނީ ނޮވެމްބަރ މަހުގެ 16ވަނަ ދުވަހާއި ހަމައަށް ހުއްޓުވާފައެވެ.

މި މުޒާހަރާގައި އެތައް ހާސް ފަރާތްތަކުން ބައިވެރިވަމުން ދާހިނދު، މުޒާހަރާގައި ވާހަކަދައްކަމުންދާ ފަރާތްތަކުން ދަނީ ސްރީލަންކާގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް, މިކަމުގެ ސަބަބުން ޑިމޮކްރަސީއާއި ބޭރުގެ ގައުމުތަކުން ލަންކާއާއި މެދު ދެކޭ ތަސައްވުރު ބަދަލުވެދާނެކަމަށް ބުނެފައެވެ. މިއަދުގެ މުޒާހަރާ ފެއްޓުމުގެ ކުރިން ކޮޅުނބުގެ ކޯޓަކުންވަނީ މި މުޒާހަރާ ކުރުމުގެ ހުއްދަދީ ނަމަވެސް ހަމަނުޖެހުމަށް މަގުފަހި ވެދާނެ ގޮތަކަށް އަމަލު ނުކުރުމަށް އިންޒާރު ދީފައެވެ.

މިއަދު ކޮޅުނބުގައި މުޒާހަރާ ކުރަމުންދާތީވެ ބޭރަށް ނިކުމެ އުޅުން ފަދަ ކަންކަމުގައި ސަމާލުވުމަށް ބޭރު ގައުމުތަކުގެ އެމްބަސީތަކުން ވަނީ އަންގާފައެވެ. މީގެ ތެރޭގައި ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީވެސް ހިމެނެއެވެ.

Advertisement

ކޮމެންޓް