Advertisement

ޓެކްސީ ޑްރައިވަރުގެ މަރު ތަހުގީގުކޮށް، ދައުވާކުރުމަށް މަރުކޮމިޝަނަށް ގޮވާލައިފި

06 Dec 2019 | 11:58

އިއްޔެރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ޓެކްސީ ޑްރައިވަރަކު މަރައިލި މައްސަލަ، މަރު ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު ވީއެންމެ އަވަހަކަށް ދައުވާކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވައިލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިއްޔެރޭ ހުޅުމާލޭގައި ހިނގި މަރުގެ މައްސަލަވެސް މަރުކޮމިޝަނުން ތަހުގީގުކޮށް، އެބަޔަކާ މެދު ވީ އެންމެ އަވަހަކަށް ދައުވާކުރަން ޖެހޭނެ ކަމަށެވެ. އެކޮމިޝަނުން ބަލަން ޖެހޭނީ ހަމައެކަނި 7 ފެބްރުއަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ރާއްޖޭގައި ހިނގާދިޔަ މަރުގެ މައްސަލަތައް ނޫން ކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ.

''އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށް ހުޅުމާލޭގައި ރޭ މަރައިލީ މީހާގެ މައްސަލަ ތަހުގީގު ކުރުމަށް. ހިތާމަވެރި އެހާދިސާގައި ހިމެނޭ މީހުން މަރުކޮމިޝަނަށް ހާޒިރުކޮށް، ތަހުގީގުކޮށް، ދައުވާކުރުމަށް އަވަހަށް ޕީޖީއަށް ފޮނުވައިދެއްވާށޭ. ހަމައެކަނި މަރުކޮމިޝަނަށް ގެންދަންވާނީކީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް މަރުވެ ދިޔަ މީހުންގެ މައްސަލަތަކެއް ނޫނޭ. ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އާއިލާއެއް އޮންނާނެ. މަރުވެގެން ދިޔައިމަ ހަމަ އެމީހުންނަށް އަސަރުކުރާނެ. ހަމައެކަނި އަސަރުކުރާނީކީ މިދެންނެވި ތާރީހުތަކުގައި މަރުވެ ދިޔަ މީހުންގެ އާއިލާތަކަށް އެކަންޏެއްނޫން.'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަރުކޮމިޝަނުގެ ޒިންމާޔަކީ ހަމައެކަނި ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ ނަގައިގެން ވަކި ބައެއްގެ އަބުރު ކަތިލުމުގެ މަސައްކަތް ކުރުން ނޫންކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އަފްރާޝީމުގެ މަރުގެ މައްސަލަ، އެއްވެސް ގުޅުމެއް ނެތް ބައެއްގެ ބޮލުގައި އަޅުވައިގެން، އެބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވީ ވަކި މަގުސަދެއް ހާސިލުކުރުމަށް ކަމަށެވެ. އަދި އޭގެ ބަދަލެއްގެ ގޮތުގައި ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދަށް ފަނޑިޔާރުކަން ދީފައިވާކަމަށްވެސް އަބްދުއްރަހީމު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް