Advertisement

ތޯރިގު ސަރުކާރަށް: ކޮބާތޯ ގޭދޮށު މަސް ފެކްޓަރީ

07 Dec 2019 | 10:50

ރިޔާސީ އިންތިހާބުގައި އެމްޑީޕީން މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމުގެ ބަދަލުގައި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މަސްވެރިންނަށް ގެއްލުންވަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު، ގޭދޮށު މަސްފެކްޓަރީ އާއި ގުޅޭގޮތުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަންކުރުމަށް ގޮވައިލައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ތޯރިގު ވިދާޅުވީ، އެޖެންްޑާ 19 ގެ ދަށުން، މަސްވެރިންނަށް ވަރަށް ގިނަ ކަންކަން ކޮށްދޭނެ ކަމަށް ވިދާޅުވި ނަމަވެސް، މިއަދު ފެނިގެންދަނީ މަސްވެރިންނަށް ހުރިހާ ގޮތަކުންވެސް ގެއްލުންވަމުންދާ މަންޒަރު ކަމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި މަސްވެރިން ގުނބޯ ހައްދަން ތަފާތު ނަންނަމުގައި ތަންތަން ހަދައި މަސްވެރިންގެ ޖީބުތައް ފުރާލަދޭނެ ކަމަށް ބުނެފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިިލިސް އިންތިހާބު ތެރޭގައި އެ އަޑުގަދަވެ، އެންމެ ފަހުން މަސްވެރިންނާ ގުޅުންހުރި ގަރާރުތަކެއްވެސް މަޖިލީހަށް ހުށަހެޅި ކަމަށެވެ.

އެގޮތުން އޯފްޝޯ ޕްލެޓްފޯމްތަކާއި، ކަންނެލި ޖަގަހަ ތަކަކާއި، އަދި ގޭދޮށު މަސް ފެކްޓަރީތަކެއްގެ ވާހަކަތަކެއްވެސް އެބޭފުޅުން ދެއްކި ކަމަށެވެ. އޯފްޝޯ ޕްލެޓްފޯމްތައް ސިފަކޮށްދިން އިރު، ރާއްޖެއާއި ސަތޭކަ މޭލު ބޭރުގައި، ސްޕާތަކުގައި މަސްވެރިންނަށް މަސާޖްވެސް ކޮށްލެވޭ ގޮތަށް ކަންކަން ތަރުތީބު ކޮށްފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ. ނަމަވެސް ބަޖެޓު އައިއިރު އެއްވެސް ތަނެއްގައި އޯފްޝޯ ޕްލެޓްފޯމެއްގެ ވާހަކަނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

''މަޖިލީހަށް ވަރަށް ބައިވަރު ގަރާތުތަކެއް ހުށަހެޅި. އޯފްޝޯ ޕްލެޓްފޯމްތަކާއި، ގޭދޮށު މަސް ފެކްޓަރީތަކާއި ގަރުދިޔަ ފެކްޓަރީގެ ވާހަކަތަކެއްވެސް އެބޭފުޅުން ދެއްކި. އެމް ފެކްޓަރީ އެއްވެސް ހަދާ ވާހަކައެއް ބުނި. ރިހާކުރު ފެކްޓަރީ އެއް ހަދާވާހަކަވެސް ބުނި. ކޮބާތޯ ގޭދޮށު މަސް ފެކްޓަރީ؟" ތޯރިގު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ތޯރިގު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ބޭފުޅުން ނަކީ ރައްޔިތުންނަށް ދޮގު ވައުދުތަކެއް ވަމުންދާ ބައެއް ކަމަށާއި ކޫއްޑޫ އާއި ފެލިވަރު މަސްފެކްޓަރީ ތަކުން މަސްވެރިން ބާނާ މަހަށް މިހާރު ފައިސާވެސް ނުދޭ ކަމަށެވެ.

މީގެއިތުރުން އިންޑިއާ އިން ވަރަށްގިނަ އެހީތައް ލިބޭކަން އިއުލާނު ކުރުމަށްފަހު ބޮޑު އެއްބަސްވުމެއް ހަދައިގެން ދީފައިވަނީ ބ. ފެހެންދޫ ސުކޫލު ކުދިން ދަތުރުކުރާނެ ޑިންގީއެއް ކަމަށާއި ސާޅީސް ހާސް ރުފިޔާގެ ޑިންގީގައި އެމްޓީސީސީ އިން އިންޖީނެއް އަޅައިގެން ދުއްވާ ގޮތަށް ކަމަށެވެ.

އިންޑިއާ އާއި ދިވެހި ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަނީ މަސްވެރިކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕްލާންޓް'' ގެ ނަމުގައި މަސް ޕްރޮސެސް ކުރާ ޕްލާންޓުތައް ގާއިމުކުރުމުގެ އެއްބަސްވުމެކެވެ.

ތޯރިގު މިހެން ވިދާޅުވިއިރު، ދާދިފަހުން އުތުރުގެ އަތޮޅުތަކަށް މަސްވެރިކަން ވަރަށް ބޮޑަށް ރަގަޅުވިއިރު، ފެލިވަރުގެ ކެޕޭސިޓީ ކުޑަވެގެން ހުވަދު އަތޮޅަށް އުތުރުގެ މަސްވެރިން މަސް ކިރުވައިފައި ވެއެވެ.

ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އޮފްޝޯ ޕްލެޓްފޯމް (ކަންނެލި ޖަގަހަ) ތަކާއި، ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީތައް ގާއިމް ކުރާ، މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 5 ސެޕްޓެމްބަރު 2019 ގައެވެ. އެބިލު ފާސްކުރީ 55 މެންބަރުން ވޯޓް ދެއްވައިގެންނެވެ. 

Advertisement

ކޮމެންޓް