Advertisement

އަޅުގަނޑު ޖޭއެސްސީން ދުރަށް ޖެހުމަކީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި: ނަޝީދު

07 Dec 2019 | 20:43

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދުރަށްޖެހިވަޑައިގަތުމަކީ، މިވަގުތު ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ރައީސް ނަޝީދު އިންނެވުމާ މެދު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މަޖިލީހުގައި ދެއްކެވި ވާހަކައަށް ރައްދުދެއްވައެވެ.

އާދަމް ޝަރީފު ވަނީ ޖޭއެސްސީގެ އެކުލަވައިލުން ލަސްވަމުންދާތީ، ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ޝަރުއީ ކޯޓުތަކަށް ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ ނުފޫޒު ފޯރާ ކަމަށާއި ޖޭއެސްސީން ރައީސް ނަޝީދު ދުރަށް ޖެހިވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީން މި ވަގުތަށް އެމަނިކުފާނު ދުރަށް ޖެހިވަޑައިގެންފިނަމަ، އެއީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށާއި ރައްޔިތުންނަށްޓަކައި ޖޭއެސްސީގައި އިންނަވާނެ ކަމަށެވެ.

''އަޅުގަނޑު ޖޭއެސްސީން ދުރަށް ޖެހުންމީ މި ވަގުތަށް ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި. އަޅުގަނޑު އެ ތަނުގައި އިނދެގެން އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުން ތި އެދިވަޑައިގަންނަވާ ގޮތަށް މިކަން ކޮށް ނިންމައިދޭނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިސަރުކާރުވެރިކަމަށް އައުމުގެ ކުރިން، ސަރުކާރުގެ މިހާރުގެ އިސް ބޭފުޅުން ވިދާޅުވެފައިވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ސަރުކާރު އައި ފަހުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ވިދާޅުވެފައިވަނީ އެކަން ދިރާސާ ކުރަމުންދާ ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނަވަންޖެހެއެވެ.

Advertisement

ކޮމެންޓް