ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

07 Dec 2019 | 17:21

ފުލުހުންގެ ހައްޔަރަށް ގެންދިޔަ މީހަކަށް އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ދެ ފުލުހަކަށް ބިރުދައްކައި އިންޒާރުދީ، އެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލައިގައި މިދިޔަ ނޮވެންބަރު މަހުގެ 29 ގައި ހައްޔަރުކުރި 25 އަހަރުގެ ދިވެހި ފިރިހެންމީހާ، ހައްޔަރަށް ވެއްދިއިރު އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް އިއްޔެ އޭނާ ރޯގާޖެހިގެން ބަލިވެގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އިނގިލީގައިވެސް ރިއްސާ ކަމަށް ބުނެފައިވާތީ، އެކްސްރޭ އެއް ނެގިއިރު ކަނާތު އިނގިއްޔެއްގެ ކަށިގަނޑަށް އަނިޔާވެފައިވާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

މިއަނިޔާ އޭނާއަށް ލިބުނީ ކިހިނެއްތޯ ބެލުމަށް ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.

އޭނާގެ އާއިލާއަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑްގެ ނަމްބަރު ހިއްސާ ކުރުމަށްފަހު، ކުރިޔަށްދާނެ ގޮތް ކިޔައިދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ބަންދުގައި ހުރި މީހާ އިއްޔެ ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އަނިޔާވި މީހާގެ އާއިލާ އާއި ހަވާލައިދީ ކުޅުދުއްފުށި އޮންލައިނުގައި ބުނެފައިވަނީ، ފުލުހުންގެ ސްޓޭޝަނުގެ ތެރޭގައި އަނިޔާކޮށްފައިވަނީ ޒާތީ ހަސަދައެއް ފިލުވާލުމަށް ކަމަށެވެ. އެހެންވެ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އާއިލާއިން ދަނީ ތައްޔާރުވަމުންނެވެ.

އޭނާގެ އަތަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް މާދަމާގެ ވަގުތެއްގައި މާލެ ގެންދިއުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އާއިލާއިން މައުލޫމާތު ދީފައި ވެއެވެ.

އަނިޔާކޮށްފައިވަނީ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ފުރަތަމަ ދުވަހު ކަމަށާއި އެ ދުވަހު އަނިޔާކޮށްފައިވަނީ ގޮޅިއަށް ލުމުގެ ކުރިން ކަމަށެވެ.

ބިޑިއެޅުވުމަށްފަހު ތިން ފުލުހަކު އަތުންނާއި ފައިން ތަޅައި އަނިޔާކުރި އިރު، ޑިއުޓީއަށް ހުރި ފުލުސް މީހާ ކުރިމަތީގައި ހުރި މޭޒެއް ކައިރީގައި އިން ކަމަށާއި އޭނާ އެއްވެސް ވަރަކަށް އެ މީހުން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާކަމަށް އާއިލާއިން ބުނެއެވެ.

އޭނާ ބުނިގޮތުގައި އަނިޔާކޮށްފައިވަނީ ޕޮލިސް ސްޓޭޝަނުގެ ގޮޅިތަކުގެ ޑިއުޓީއަށް ތިބޭ ފުލުހުން ތިބޭ ރޫމަކަށް ވައްދައިފައެވެ.

Advertisement

ކޮމެންޓް