Advertisement

ލަންކާާގެ އާ ކެބިނެޓު އެކުލަވާލަން ފަށައިފި

31 Oct 2018 | 13:48

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް ލިބިލައްވާފައިވާ ގާނޫނީ ބާރުގެ ދަށުން، މިދިޔަ ހުކުރު ދުވަހު އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަނު ކުރެއްވުމަށްފަހު، އާ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ލަފާގެ ދަށުން ރައީސް ސިރިސޭނާ ކެބިނެޓް އައްޔަންކުރައްވަން ފެއްޓެވީ މިދިޔަ ހޯމަދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މިހާތަނަށް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފައިވާއިރު، މީގެ ތެރޭގައި ރައީސް ސިރިސޭނާގެ ޕާޓީއާއި، މަގާމުން ދުރުކުރެވުނު ކުރީގެ ބޮޑުވަޒީރު ރަނިލްގެ ޕާޓީއާއި، އިދިކޮޅު ޕާޓީގެ ފަރާތްތައް ހިމެނެއެވެ. މި ކެބިނެޓްގައި ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ކެބިނެޓްގައި ހިމެނޭ ފަރާތްތައްވެސް ޝާމިލްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ކެބިނެޓްގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް މާލިއްޔަތާއި އިގްތިސާދާއި ގުޅުންހުރި ވަޒީރުކަން ދީފައިވާއިރު، އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ދާދިއަވަހަށް ލަންކާގެ އިގްތިސާދު ހަމަ މަގަށް އެޅުވިގެންދާނެ ކަމަށް ބުނަމުންނެވެ. މިވަގުތު ސްރީލަންކާގެ އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮތްހިނދު، ޑޮލަރ ރޭޓްވަނީ ދުވަހަކު ނުދާހާ މިންވަރަށް މައްޗަށް ގޮސްފައެވެ.

ރައީސް ސިރިސޭނާ އާ ކެބިނެޓް އައްޔަން ކުރައްވަމުން ގެންދަވާހިނދު، ކުރީގެ ބޮޑުވަޒީރު ރަނިލްގެ ފަރާތްޕުޅުން ދަނީ އަދިވެސް ގާނޫނީ ބޮޑުވަޒީރަކީ ރަނިލްކަމަށްބުނެ، އާ ކެބިނެޓް އެކުލަވާލުން ކުށްވެރިކުރަމުންނެވެ.

ލަންކާގެ މީޑިޔާާ ރިޕޯޓްތައް ބުނާގޮތުގައި މިއަދާއި މާދަމާގެ ވަގުތުތަކުގައި އާ ވަޒީރުން މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވާނެއެވެ. 

Advertisement

ކޮމެންޓް