އިހުމާލުވުމުން ދައުލަތަށް ލިބޭ ގެއްލުމުގެ ޒިންމާ އަމިއްލައަށް ނަގަން ޖެހޭގޮތަށް އިސްލާހު ގެންނަނީ

07 Dec 2019 | 17:57

މުވައްޒަފެއްގެ އިހުމާލުން ދައުލަތަށް ގެއްލުމެއް ލިބިއްޖެނަމަ، އެމުވައްޒަފަކު ފަރުދީ ޒިންމާ ނަގަންޖެހޭ ގޮތަށް މާލިއްޔަތާ ބެހޭ ގާނޫނަށް އިސްލާހު ގެނަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ޖަލްސާގައި މާލިއްޔަތުގެ ގާނޫނު އިސްލާހު ކުރަން އެޓާނީ ޖެނެރަލް (އޭޖީ) އަަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ދައުލަތުން އެކިފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކާމެދު ގެންގުޅޭ އުސޫލުތައް މުރާޖައާކޮށް، ދައުލަތުން ބުރަ ނުވާނޭ އުސޫލެއް ގާއިމުކުރުމަށް ގޮވާލައި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގަރާރަށް ރިއާޔަތްކޮށް މާލިއްޔަތު ކޮމެޓީން އެކުލަވައިލި ރިޕޯޓްގައި ހިމަނައިގެންނެވެ.

މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓު ފާސްކުރީ، 62 މެންބަރުންގެ ވޯޓުންނެވެ.

ރިޕޯޓުގައި ބަދަލު ދިނުމުގެ މައްސަލައާ ގުޅިގެން ޖުމްލަ ހަ ކަމެއް ކުރުމަށް އެޖީއަށް ލަފާ އަރުވަން ނިންމާފައިވެއެވެ.

އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދުކުރަން ޖެހިދާނެކަމަށް ލަފާކުރެވޭ ފައިސާގެ ތަފްސީލު ހޯދައި، އެ މައުލޫަތު މަޖިލީހުން ދިރާސާ ކުރުމަށް ނިންމާފައި ވެއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނެއް އެކުލަވާލުމަށާއި، އެއްބަސްވުންތައް އުވާލުމުން ބަދަލު ދޭން ޖެހޭނެ އުސޫލާއި، ޖޫރިމަނާގެ ގޮތުގައި ނަގައިދޭނެ ކަމަށް ކަނޑައަޅާނަމަ، އެ އުސޫލެއް ކޮންޓްރެކްޓް ގާނޫނުގައި ހިމެނުމަށް އެޓާނީ ޖެނެރަލްއަށް ދެންނެވުމަށް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެއެވެ.

ސަރުކާރުން ސޮއި ކުރާ އެއްބަސްވުންތަކުގައި ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑަ އަޅަން ޖެހޭނެ ކަމަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކަށް ލާޒިމްކޮށް، ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ދަންނަވަންވެސް ހިމަނާފައި ވެއެވެ. އެގެއިތުރުން ބަދަލު ދެވޭނެ އެންމެ މަތީ މިންގަނޑު ކަނޑައެޅުއްވުމަށްފަހު، އެކަން އެއްބަސްވުންތަކުގައި ހިމެނުއްވުމަށް އެޓާނީޖެނަރަލަށް ދެންނެވުމަށްވެސް ހިސާނު ހުށަހެޅުއްވި ގަރާރާއި ގުޅިގެން ކޮމެޓީން ނިންމާފައި ވެއެވެ.

މި ގަރާރު މަޖިލީހުން މިއަދު ފާސްކުރި އިރު، މި ސަރުކާރުން އެކި ފަރާތްތަކަށް ދިން ބަދަލުގެ އަދަދު މިހާތަނަށް 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. އެކަމަށް އިދިކޮޅު ސިޔާސީ ލީޑަރުން ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ބަދަލު ދިނުމުގެ ނަމުގައި ސަރުކާރުން ގާތް މީހުންނަށް ބޮޑެތި އަދަދުތަކުން ފައިސާދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

Advertisement

ކޮމެންޓް