ދީނީ ހަރުކަށިކަމާއި ދެކޮޅަށް ސައުދީ ވަލީއަހުދާއި އެކު މަސައްކަތް ކުރެވިދާނެ: ރައީސް ނަޝީދު

08 Dec 2019 | 00:34

ސައުދީ އަަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި އެކު ދީނީ ހަރުކަށި ވިސްނުންތަކާއި ދެކޮޅަށް ދިވެހިރާއްޖެއިން މަސައްކަތް ކުރެވިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރިއަށްދާ އާސްކް ސްޕީކަރ ޕްރޮގްރާމްގައި އާންމުންގެ ފަރާތަކުން ރައީސް ނަޝީދާއި ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގްޖީގެ މަރުގެ ފަހަތުގައިވާކަމަށް ތުހުމަތުކުރެވިފައިވާ ވަލީ އަހުދާއި ބައްދަލުކުރެއްވުމާއި ގުޅިގެން، ކުރިމަތިކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ސައުދީ އަރަބިއްޔާއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ދިވެހިރާއްޖެއާއި ހަމައަށްވެސް ފުރޮޅިގެން އަންނަކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެގޮތުން ދީނީ ގޮތުން ހައްދުފަހަނަ އަޅައިދިޔުމުގެ ވިސްނުން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެ ވިސްނުން އެންމެ ބާރަށް އުފެދިގެން އަންނަ ތަންތަން ވަލީ އަހުދަށްވެސް އެނގިވަަަޑައިގަންނަވާނެކަމަށާއި، އަދިި އެކަންކަމަށް އެމަނިކުފާނު އެހީތެރިވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތުގައި ވަލީ އަހުދާއި އެކު ދިވެހިންނަށްވެސް އުޅެވޭނެގޮތް ވެއްޖެނަމަ އެއީ ރަނގަޅު ކަމަކަށް ވެދާނެކަމަށެވެ.

އެމަނިކުފާނު އިތުރަށް ވަނީ 2017ވަނަ އަހަރާއި 2018ވަނަ އަހަރުގައިވެސް ވަލީ އަހުދާއި ބައްދަލުވެ ވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ. އަދި މިއަދުގެ ދުނިޔޭގައި ދިވެހިރާއްޖެއިން ބާއްވަން ޖެހޭ ގުޅުންތަކާއި އެހެނިހެން ކަންކަމަށްޓަކައި އެހެން ގައުމުތަކުގެ އެހެނިހެން މަގާމްތަކުގައި ތިބޭ ފަރާތްތަކާއި ބައްދަލުކުރަން ޖެހޭކަމަށާއި، އެގޮތަށް ދިމާާވުމުން ބައްދަލުކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް