ޑރ. އަފްރާޝީމު މަރާލީ އަޅުގަނޑުގެ ކާފަ ދެއްކި ވާހަކަ ދައްކައިގެން: ނަޝީދު

09 Dec 2019 | 07:05

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމު އަލީ އަވަހާރަކޮށްލީ، ކުރީގެ ރައީސް މުހއްމަދު ނަޝީދުގެ ކާފާފުޅު ދެއްކެވި ވާހަކަ ދައްކައިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއިން މިރޭ ގެނެސްދިން ''އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމުން ފަރާތަކުން، އެމަނިކުފާނުގެ ދީންވެރިކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަނީ ކީއްވެތޯއާއި ބައެއް ފަހަރު ދީނަށް ފުށުއަރާފަދަ ވާހަކަތައް ނަޝީދު ދައްކަވާކަން ފާހަގަކުރެވެ ކަމަށްބުނެކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގައި ކޮންމެ ދިހަ ވަރަކަށް އަހަރު ފަހުން ބާރު ހަރު އަޑުން އެހެން ގޮތަކަށް އިސްލާމް ދީން އޮންނަ ވާހަކަ ކިޔައިދޭތަން ފެންނަ ކަމަށެވެ.

''އަޅުގަނޑަށް ހީވަނީ ވެގެން މިދިޔަ ގޮތަކީ، މިދިޔަ 30 ވަރަކަށް އަހަރު ތެރޭ، 40 ވަރަކަށް އަހަރު ތެރޭ، ހާއްސަކޮށް އަޅުގަނޑުމެން ބޮޑުވަމުން އައިއިރުގައި، މިހާރު މިސާލަކަށް އަޅުގަނޑުގެ ކާފަ ދެއްކި ވާހަކަ ދައްކައިގެން ޑރ. އަފްރާޝިމް މަރާލީ. މިސާލަކަށް އަޅުގަނޑުމެން ގޭގައި ސަލަވާތް ކިޔަވާ، މާލޫދުކިޔާ އަދި އަޅުގަނޑުމެން ޒިޔާރަތެއް ހުރިއްޔާ ހުރަސްކުރާއިރު އަމްދު އަޅާ އަދި އަޅުގަނޑުމެން ނަދުރު ބުނެވެސް އުޅެން. މިއީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ކޮށްއުޅުނު ކަންކަން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ކާފާފުޅު ކިޔައިދެއްވި އެއްޗެއް ނޫން އެއްޗެއް ގަބޫލުކުރައްވަން އަދިވެސް އުނދަގޫވެގެން އުޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އަނެއްކާވެސް އާ ގޮތަކަށް އިސްލާމް ދީނާ ގުޅޭގޮތުން ވާހަކަ ދައްކަވަން ފައްޓަވައިފި ކަމަށާއި ރަގަޅު ގޮތަކީ އެއީ ކަމަށް ބުނަން ފަށައިފި ކަމަށެވެ.

ނަޝީދު ވިދާޅުވީ، ހާއްސަކޮށް ރައީސް މައުމޫންގެ ވެރިކަމުގައި، އެކިއެކި ފެންވަރުގެ ބޭފުޅުން އެކިއެކި ތަންތަނުން ކިޔަވާ ވިދާޅުވެގެން ކަމަށް ވިދާޅުވާ ބޭފުޅުން އެބަތިއްބެވި ކަމަށެވެ.

''ދެން އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ދީނީ އިލްމުވެރިއެއް ވިއްޔާ އެއްކޮށް ކަނޑައި ގުނަކޮށް ގެއްލުމަށްވުރެ ތަންކޮޅެއް ފުންކޮށް ހިސާބުވެސް ދަންނަން ޖެހޭނެ. އަދި އެހެން ބަސްބަސް ވެސް ދަންނަން ޖެހޭނެ. އަދި އެހެން މުޖުތަމައުތަކާ އެހެން ސަގާފަތްތަކާ ދުނިޔަވީ ކިތަންމެ އިލްމަކާ ކަންކަން ހިނގާ ގޮތްގޮތާ މި ހުރިހާ އެއްޗެއްވެސް އެނގެން އެބަ ޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިސްލާމް ދީނާއި ބެހޭގޮތުން ކުއްލި އަކަށް އެއްޗެއް ބުނުމުން އެހާ އަވަހަށް ބޯލަނބަން އުނދަގޫވާތީވެ، އެކަމަށް ތަބާވާން އުނދަގުވަނީ ކަމަށެވެ.

''ދެން އެހެން ތިބެފައި އަޅުގަނޑުމެން ކައިރީގައި އެއްޗެއް ބުނާތަނުން އެހައި އަވަހަށް ބޯ ނުލެނބޭތީވެ އެހެން އަދި އިސްލާން ދީނުގައި އޮތް ކަމަށް އެބޭފުޅުން އެހެން ކިޔުއްވި އެއް ކަމަކު އަޅުގަނޑުމެންނަށް އުނދަގޫވެގެން މި އުޅެނީ އަޅުގަނޑުމެން ނަމާދު ކުރާ ގޮތާއި، އަޅުގަނޑުމެން ރޯދަ ހިފާ ގޮތާއި، ޒަކާތް ދޭ ގޮތާއި، އަޅުގަނޑުމެން އިސްލާމް ދީނުގެ ރުކުންތައް އަދާ ކުރަމުން މިގެންދާ ގޮތް އެއީ ގޯސް ގޮތެއް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިޔަސް ވަރަށް އުނދަގޫވާނެ އެމަަގަށް ތަބާވާން." ނަޝީދު ވިދާޅުވެފައި ވެއެވެ.

ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލައިގައި ޑރ. ޝަހީމުގެ މައްޗަށް މިހާރު ވަނީ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފައެވެ. ޑރ. އަފްރާޝީމުގެ މަރާއި ގުޅޭގޮތުން ނަޝީދުވަނީ އެކި ފޯރަމްތަކުގައި ތަފާތު ގޮތްގޮތަށް ވާހަކަފުޅުދައްކަވައިފައެވެ.

އެގޮތުން އަފްރާޝީމު މަރައިލި މީހުން ހަމަ އެރޭ އެވަގުތު މެދުއިރުމައްޗަށް ފުރައިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ، އެދުވަސްވަރު ހދ. ވައިކަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވެއެވެ.

Advertisement

ކޮމެންޓް

Advertisement