ޖޭއެސްސީ އޮތީ ވަރަށް ބޮޑަށް ސިޔާސީވެފައި: ދިޔާނާ

08 Dec 2019 | 16:54

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތީ ވަރަށްބޮޑަށް ސިޔާސީ ވެފައި ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީން އިސްތިއުފާ ދެއްވުމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ގޮވައިލެއްވުމުން، ޖޭއެސްސީން އެއްފަރާތްވުމަކީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ދިޔާނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޖޭއެސްސީ ސިޔާސީވާނަމަ ޖުޑިޝަރީ ވެސް ގިނަ ހާލަތްތަކުގައި އޮންނާނީީ ސިޔާސީ ވެފައި ކަމަށެވެ.

ދިޔާނާ ވިދާޅުވީ، މީގެ ކުރިން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު އިންނެވިއިރު ހަލާތު އޮތީ އެ ގޮތަކަށް ނޫން ކަމަށެވެ. އަދި ދެން އަންނަ މަޖިލީހުގެ ރައީސް ވެސް އެ ގޮތަށް އަމަލު ކުރާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"މިހާރު ޖޭއެސްސީ އޮތް އެކުލެވުމަކީ ވަރަށް ބޮޑަށް ވެސް ސިޔާސީވެފައި އޮތް އޮނިގަނޑެއްގެ އެކުލެވުމެއް. އަދި އެއީ މުޠާލިއާ ކުރަން ޖެހިފައިވާ އެކުލެވުމެއް." ދިޔާނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޖޭއެސްސީން މި ވަގުތަށް އެމަނިކުފާނު ދުރަށް ޖެހިވަޑައިގެންފިނަމަ، އެއީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށާއި ރައްޔިތުންނަށްޓަކައި ޖޭއެސްސީގައި އިންނަވާނެ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement