ވެނިސްގައި ފެންބޮޑުވެ ނުވަމީހަކު މަރުވެއްޖެ

31 Oct 2018 | 12:22

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިން، އެތަނަކަށް ޒިޔާރަތްކުރާ އިޓަލީގެ މަޝްހޫރު ރަށެއްކަމުގައިވާާ ވެނިސްގެ ބޮޑުބައެއްގައި ފެންބޮޑުވެ، ނުވަ މީހަކު މަރުވެއްޖެއެވެ.

ސީއެންއެންއިން ރިޕޯޓްކުރާގޮތުގައި މިއީ ގަރުނެއްހާ ދުވަހުގެ ތެރޭގައި، ވެނިސްއަށް ކުރި އެންމެ ގަދަ ވިއްސާރައެވެ. މި ވިއްސާރައިގެ ސަބަބުން އާންމުންގެ މުދަލާއި ތަންތަނަށް ބޮޑެތި ގެއްލުންވެފައިވާއިރު، ވެނިސްގެ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އާންމުގޮތެއްގައި އޮކްޓޯބަރު މަހާއި ޑިސެމްބަރު މަހާއި ދެމެދު ވެނިސްއަށް ބޯކޮށް ވާރޭ ވެހުނަސް، މިހާ ބޮޑަށް ވެނިސް ފެންބޮޑުނުވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މި ވިއްސާރައިގައި ވެހުނު ވާރޭގެ ސަބަބުން ބައެއް ހިސާބުތަކުގައި ފަސްފޫޓަށް ފެންބޮޑުވެފައިވާއިރު، އިޓަލީގެ ކަމާބެހޭ އިދާރާތަކުން ދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވެނިސްގެ ގިނަ ރެސްޓޯރެންޓްތަކާއި ފިހާރަތަކުގައި ފެންބޮޑުވެފައިވާއިރު، މީގެ ސަބަބުން އެފަރާތްތަކުގެ ވިޔަފާރިއަށް ބުރޫއަރާފައިވާކަމަށް އެފަރާތްތަކާއި ހަވާލާދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

ވެނިސްެއަށް މިކުރި ވިއްސާރައަކީ އިޓަލީ ސަރަހައްދުގައި އުފެދުނު ލޯ ޕްރެޝަރ ވެދަރ ސިސްޓަމަކުން އުފެދުނު ވިލާތަކެއްގެ އަސަރުކަމަށް އިޓަލީގެ މޫސުމާއި ބެހޭ ފަރާތްތަކުން ބުނެއެވެ. މި ވިއްސާރައިގެ އަސަރު، ވެނިސްގެ އިތުރުންވެސް އިޓަލީގެ އެކި ހިސާބުތަކަށްވަނީ ކޮށްފައެވެ.

Advertisement

ކޮމެންޓް