Advertisement

އެންސިސްގެ ސަތޭކަ ޓަނުގެ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ރައީސް ހުޅުވައިދެއްވައިފި

10 Dec 2019 | 08:20

އެންސިސްގެ ސަތޭކަ ޓަނުގެ އައިސް ޕްލާންޓާއި އެކުންފުނީގެ މަސް ކާރުޚާނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފި އެވެ.

އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔަތުގައި ވަހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، ރާއްޖޭގެ އިގުތިސޯދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތައް އަތާ އަތް ގުޅާލައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެންސިސްގެ މި ކާރުޚާނާއަކީ މާލެ ސަރަޙައްދުގައި ހުޅުވޭ މިފަދަ ފުރަތަމަ ކާރުޚާނާކަމަށެވެ. މި ކާރުޚާނާއާއި އައިސް ޕްލާންޓަކީ، ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އިސްނެގުން ދައްކުވައިދޭ ވަރަށް ރީތި މިސާލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަމިއްލަ ކުންފުނިތައް މިފަދަ ބޮޑެތި ސިނާއަތްތަކަށް ވަނުމަކީ، ގައުމީ ފެންވަރުގައިވެސް އަދި ފަރުދުންގެ ފެންވަރުގައި ވެސް ވަރަށް ބޮޑެތި އިގްތިސޯދީ ފައިދާތައް ލިބޭނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ކޮންމެ މަސައްކަތެއްގެ ސަބަބުން، ވަޒީފާގެ އެތައް ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކާރުޚާނާ އާއި މި ކާރުޚާނާއާ ގުޅިފައިވާ އެހެން ވަސީލަތްތަކާ އެކު، ދިވެހިންނަށް ހާއްސަ 400 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. އޭގެ ތެރެއިން 175 ވަޒީފާއަކީ ހަމައެކަނި އަންހެނުންނަށް ހާއްސަ ވަޒީފާގެ ފުރުސަތުތަކެވެ.

Advertisement

ކޮމެންޓް

Advertisement