ޕްރޮޖެކްޓްތައް އަވަސްކުރުމާއި ގުޅޭ ގޮތުން އިންޑިއާއިން މަޝްވަރާކޮށްފި

11 Dec 2019 | 20:01

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމު ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޕްރޮޖެކްޓްތައް އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި މިނިސްޓަރ ޝާހިދަށް ދިއްލީއަށް މަރުޙަބާ ވިދާޅުވެ، ކުރިއަށް އޮތް ޖޮއިންޓް ކޮމިޝަން މީޓިންއާއި ބެހޭ މައުލޫމާތު މިނިސްޓަރާއި ހިއްސާ ކުރެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފައި މިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް – އިންޑިއާ ޖޮއިންޓް ކޮމިޝަން މީޓިންގައި ބައިވެރިވެވަޑައިގަތުމަށެވެ.

Advertisement

ކޮމެންޓް