Advertisement

މިއަދު ރައްޔިތުން މުޅި ޤައުމުގެ ޙައްޤުގައި ވިސްނަންޖެހޭ: ރައީސް

21 Sep 2018 | 23:48

ވަކި ވަކި ފަރުދުންގެ މަސްލަޙަތާއި މެދު ވިސްނުމުގެ ބަދަލުގައި މުޅި ޤައުމުގެ ޙައްޤުގައި މިއަދު ދިވެހި ރައްޔިތުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް މިއަދު ވަޑައިގެން ކުޅުދުއްފުށި އެއާޕޯޓް ހުޅުއްވައިދެއްވައި އެރަށުގައި ޤާއިމްކޮށްފައިވާ ބޮޓްލިންގ ފެކްޓްރީގެ ޚިދުމަތް ފަށްޓަވައި ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ކުރިމަގަށް ވިސްނާ ރައްޔިތުން މިއަދު ގޮތެއް ނިންމަން ޖެހޭކަމަށާއި، ހުރިހާ ދިވެހި ރައްޔިތުންގެ ޙައްޤުގައި ހަމަޖެހިގެން ޤައުމަށް ކުރިއަށް ދެވޭނެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ޤައުމުގައި އަމަންއަމާންކަން ޤާއިމްކޮށް ސުލްޙަ މަސަލަސްކަން ދެމެހެއްޓެވުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ދިވެހި ޤައުމުގެ ތަރައްޤީއަށާއި، ރައްޔިތުންގެ ހަމަޖެހުމަށާއި، ޤާނޫނު ދެމެހެއްޓެވުމަށް ފުރުސަތު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ބޭނުން ވަނީ ތަރައްޤީއާއި، ކުރިއެރުމާއި، ހަމަޖެހުންކަމަށާއި، މިސަރުކާރުން މިދަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދެމުން ކަމަށާއި، މިއަދު ދިވެހި ރާއްޖެއިން މިދަނީ ތަރައްޤީ ފެންނަމުން ކަމަށެވެ.

މި ދައުރުގެ ތެރޭގައި އެކި ގޮތްގޮތުން އެމަނިކުފާނުގެ ވެރިކަން ޓެސްޓް ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީންވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު އެމަނިކުފާނަށްވުރެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ވެރިއަކު ނުހުންނަވާނެ ކަމަށެވެ.

މިހުރިހާ ގޮންޖެހުންތަކާއެކު ސާބިތުކަމާއެކު ޤައުމަށް ޚިދުމަތް ކުރައްވަން ހުންނެވިކަމަށާއި، އަބަދުވެސް އެދިވަޑައިގަންނަވަނީ ދިވެހިރާއްޖެއަށް ކުރިއެރުން ލިބުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

Advertisement

ކޮމެންޓް