ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުުޅުވާލައިފި

12 Dec 2019 | 16:58

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.

ފަނޑިޔާރު ކަމުން ޣަނީ ވަކިކުރަން ނިންމީ، ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން އެކޮމިޝަނުން ބަލަމުންދިޔަ ސުލޫކީ މައްސަލަތަކާ ގުޅިގެންނެވެ. ޖޭއެސްސީން މީގެ ކުރިން ހާމަކުރި ގޮތުގައި އޭނާގެ ތިން މައްސަލައެއް އެ ކޮމިޝަނުން ބެލިއެވެ.

އަދި ފަނޑިޔާރު ޣަނީގެ އިތުރު މައްސަލައެއް އޭސީސީންވެސް ދަނީ ބަލަމުންނެވެ. އެއީ ފަނޑިޔާރު ޣަނީ ހައިކޯޓުގައި ހުންނަވައި ސުޕްރީމް ކޯޓަށް ބަދަލުކުރެއްވި އިރު، އެހެން ފަނޑިޔާރަކާއި ހަވާލުކުރެއްވި ފައިލުގައި ނުބަލައި މައްސަލައެއް އޮތްކަމަށް ބުނާ މައްސަލައެކެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ:

މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛

ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛

ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛

ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛

އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛

އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން، މިއެވެ.

މީގެ އިތުރުން އެފަރާތަކީ އުމުރުން ތިރީސް އަހަރު ފުރި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ މީހަކަށް ވާންޖެހެއެވެ.

ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 17ޑިސެމްބަރު ވާދުވަހުގެ 12:00 ޖެހުމާއި ހަމައަށެވެ.

Advertisement

ކޮމެންޓް