ނޮވެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 177 މިލިއަން ރުފިޔާ

12 Dec 2019 | 17:30

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 177.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 177,259,312 ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު އިދާރާއިން ބަލައިގަތް ޖޫރިމަނާ ފައިސާގެ އަދަދަކީ 14.2 މިލިއަން ރުފިޔާ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި އަހަރާ އަޅާ ބަލާއިރު މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވަނީ އިތުރުވެފައެވެ.

ޖޫރިމަނާއަށް ލިބުނު ފައިސާގެ އަދަދު ހާމަކުރި ނަމަވެސް، ވަކިވަކި ޖޫރިމަނާތަކުގެ ތަފްސީލު ހާމައެއް ނުކުރެއެވެ.

މާލޭގައި އާއްމުކޮށް އެންމެ ގިނައިން ޖޫރިމަނާ ކުރާކަން ފާހަގަ ކުރެވިފައިވަނީ ގަވައިދާ ހިލާފަށް ވެހިކަލް ދުއްވުމާއި ޕާކް ކޮށްގެންނެވެ.

ގަވައިދާ ހިލާފަށް ވެހިކަލު ޕާކުކުރުމުން ސްޓިކާ ޖަހައިގެން ހަފްތާއެއްގެ ތެރޭގައި ދައުލަތަށް ބޮޑު އާމްދަނީއެއް ނަގައެވެ. ޕާކުކުރާނެ ތަންތަން ނަހަދައި ސްޓިކާ ޖަހާ މައްސަލައިގައި ގިނަ ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

Advertisement

ކޮމެންޓް