އިދިކޮޅު ކޯލިޝަނުގެ ޕްރައިމަރީ ޖެނުއަރީ 24 ގައި ބާއްވަނީ

12 Dec 2019 | 23:19

ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އިދިކޮޅު ކޯލިޝަނުގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ޕީޕީއެމް އާއި ޕީއެންސީން ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 24 ގައި ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް މާދަމާއިން ފެށިގެން ޕީޕީއެމްއާއި ޕީއެންސީން ފޯމު ދޫކުރަން ފަށާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ފޯމުތައް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަސް ކަމަށާއި އޭގެ ފަހުން ފޯމު ހުށަހެޅުމުގެ ފުރުސަތު ބަންދުވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުަގައި ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބޭނީ ޖެނުއަރީ 17 ގެ ކުރިން ޕާޓީގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އޭގެއިތުރުން މާދަމާއިން ފެށިގެން ކޮމްޕްލެއިންސް ބިއުރޯ ހުޅުވާފައި ހުންނާނެ ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ، އަންހެނުންނަށް ކައުންސިލުތަކުން ހާއްސަކުރި 33 ޕަސެންޓަށް ކޯލިޝަނުގެ އަންހެން ކެންޑިޑޭޓުން ވާދަކުރާނެ ކަމަށާއި އަންހެނުންނަށް 33 ޕަސެންޓް ލިބުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލު އިންތިހާބަށް އިތުރު ޕާޓީއަކާއި ކޯލިޝަން ނަހަދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިނިވަން ކުރެވޭނީ ކައުންސިލު އިންތިހާބު ކާމިޔާބުކޮށްގެންނެވެ. މިއީ އެކަމަށް އޮތް ހަމައެކަނި ފުރުސަތުކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

ގައުމު ސަލާމަތްކުރަން އެދޭ ނަމަ މިފަހަރު އިދިކޮޅު ކޯލިޝަނަށް ވޯޓް ދިނުމަށްވެސް އޭނާ ގޮވައިލެއްވިއެވެ.

Advertisement

ކޮމެންޓް