Advertisement

ޗައިނާ ސަފީރުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

14 Dec 2019 | 12:32

ރާއްޖެއާއި ޗައިނާގެ ގުޅުމާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ މީޑިއާގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ނަޝީދަށް ރައްދުދެއްވައިފި އެވެ.

ރައީސް ނަޝީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން "ލޮކް ސަބާ ޓީވީ" ގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ މެދުވެރިކޮށް ގައުމަށް ގެނައި އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާއި ދެމެދު ސޮއި ކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވައި، ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާއަކީ އެހެން ގައުމުތަކުގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރާނެ ގައުމެއް ނޫން ކަމަށެވެ.

ޗައިނާގެ ބޭނުމަކީ ގައުމުތަކަށް މާލީ ގޮތުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ދެމި އޮތުން ކަމަށެވެ.

ޗައިނާއިން ރާއްޖޭގެ ބިން ފޭރެން މަސައްކަތް ކުރާކަމަށް ވިދާޅުވެ، ނަޝީދު ދެއްކެވި ވާހަކަފުޅަށްވެސް ސަފީރު ރައްދުދެއްވިއެވެ.

އެގޮތުން ޗައިނާ އިން ރާއްޖޭގެ ބިން ފޭރުމަށް އުޅޭކަމަށް ދައްކާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި ނަޝީދުގެ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިޔަށް ނުގެންދާނެކަމަށް ނަޝީދު ވިދާޅުވުމުން، ސަފީރުގެ ޓުވީޓުގައި ވަނީ އެކަމަށްވެސް ރައްދު ދެއްވައިފައެވެ.

ސަފިރު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު އަދި ވިސްނަންޖެހޭ އެތައް ކަމަކަށް ވިސްނުމަށްފަހު ކަމަށެވެ.

އެއްބަސްވުމުގެ ސަބަބުން ދެ ގައުމަށްވެސް އިގުތިސޯދީ ގޮތުން ފައިދާ ކުރާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އެހެންކަމުން އެއްބަސްވުމަށް އިހުތިރާމު ކުރެއްވުމަށް ސަފީރު ގޮވައިލެއްވިއެވެ.

Advertisement

ކޮމެންޓް