މާލަމުގައި ޖަލްސާ ބާއްވައިގެން މިކަމެއް ނުވާނެ، މަގުމައްޗަށް ނުކުންނަންޖެހޭ: އަބްދުއްރަހީމް

15 Dec 2019 | 17:53

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަން ކުރުމަށް ގޮވައިލައި، ޕީޕީއެމްގެ އޮފީހުގެ ޖަލްސާކުރާ މާލަމުގައި ޖަލްސާތައް ބާއްވައިގެން ރައީސް ޔާމީން މިނިވަން ނުކުރެވޭނެ ކަމަށާއި މަގުމައްޗަށް ނުކުންނަން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަން ކުރުމަށް ގޮވައިލައި، އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމު ވިދާޅުވީ، މާލަމުގައި ޖަލްސާ ބާއްވައިގެން ރައީސް ޔާމީން މިނިވަން ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީން މިނިވަން ކުރުމަށް، ސަރުކާރަށް އަޑުއިއްވަން ސަރުކާރުގެ އިދާރާތަައް ކުރިމައްޗަށާއި މަގުމައްޗަށް ނުކުމެ އަޑު އުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

''މާލަމުގައި ދެ ރެއިން އެއްރޭ ޖަލްސާ ބާއްވައިގެން މިކަމެއް ނުވާނެ. ސަރުކާރުގެ އިދާރާތަކުގެ ކުރިމައްޗަށް އެއްވާން އެބަޖެހޭ. މަގުމައްޗަަށް އަޅުގަނޑުމެް ނުކުންނަން އެބަޖެހޭ. ރަށްރަށުގައި އަޑުއުފުލަން އެބަޖެހޭ. ރައީސް ޔާމީންގެ ހައްގުގައި މިމަސައްކަތް އަޅުގަނޑުމެންނަށް ކުރެވެން އެބަޖެހޭ. ހަމައެކަނި ޕޯޑިއަމެއްގައި އިންޓަވިއުއެއްގައި ބޭނުމަކީ ރައީސް ޔާމީން މިނިވަން ކުރުމޭ ބުނެގެން ފުއްދައިލެވޭކަށް ނެތް.'' އަބްދުއްރަހީމު ވިދާޅުވިއެވެ.

އަބްދުއްރަހީމު ވިދާޅުވީ، މިސަރުކާރަށް އޮބި ނޯންނަ ވަރަށް އިދިކޮޅުގެ ހަރަކާތްތައް ކުރިޔަށް ގެންދަންޖެހޭ ކަމަށާއި ރައީސް ޔާމީން ނުހައްގުން ޖަލަށް ލުމުން ރާއްޖޭގެ ރައްޔިތުންނަށް ކަންބޮޑުވެގެން އުޅޭކަން، ބޭރު ދުނިޔޭގައި ތިބި އިދިކޮޅާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް އަންގައިދެން ވެސް ޖެހޭ ކަމަށެވެ.

މީގެއިތުރުން އަބްދުއްރަހީމުގެ ވާހަކައިގައި ވަނީ ސަރުކާރުން އިންޑިއާ އާއެކު ގާތް ގުޅުމެއް އުފައްދާފައިވާތީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ކުރަހަންވެސް އިންޑިއާ އާއި ހަވާލުކޮށްފައިވާ ކަމަށާއި ރަށްރަށުގެ ބިން ހިއްކުމާއި އަދި އެހެނިހެން މަޝްރޫއުތައްވެސް ހަވާލުކުރަނީ ސަރުކާރުން ބޭނުންވާ ބޭރު ގައުމުގެ ކުންފުނިތަކަށް ކަމަށެވެ.

ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތައް މަތީގައި އިހުތިޖާޖު ކުރަން ފެށި ނަމަވެސް ފަސް ރޭ ވަންދެން އިހުތިޖާޖު ކުރުމަށްފަހު، މިހާރު އެހަރަކާތްތައް ކުރިޔަށް ގެންދަނީޕީޕީއެމްގެ އޮފީސް ތެރޭގައި ހުރި ޖަލްސާކުރާ މާލަމުގައެވެ.

Advertisement

ކޮމެންޓް