Advertisement

ގުޑާނުލެވޭ ވަރުގެ ބޮޑު ބާރަކުން ރާއްޖެ ފިއްތަމުން އެބަދޭ: ޝިޔާމު

14 Dec 2019 | 12:55

ރާއްޖެ ގުޑާނުލެވޭ ވަރުގެ އަވައްޓެރި ބޮޑު ބާރަކުން ރާއްޖެ ފިއްތަމުންދާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަން ކުރުމަށް ގޮވައިލައި، އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދެކުނު އޭޝިޔާގެ އެންމެ ނުފޫޒު ގަދަ ގައުމަކީ އިންޑިއާކަން ފާހަގަކުރައްވައި، ޝިޔާމު ވިދާޅުވީ، ރާއްޖެ ގުޑައިނުލެވޭ ވަރަށް އަވައްޓެރި ބޮޑު ބާރަކުން ފިއްތަމުންދާ ކަމަށެވެެ.

އެގޮތައް ފިއްތުމަށް ގައުމުގެ ހުންގާނުގައި ތިއްބެވި ވެރިން ޖާގަ ދެމުންދާކަމަށާއި މިއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ޝިޔާމު ވިދާޅުވިއެވެ.

''އަޅުގަނޑުމެން އެބަޖެހޭ މިކަމުން ސަލާމަތްވާން. އަޅުގަނޑުމެންގެ ގައުމިއްޔަތު މިއަދު އަޅުގަނޑުމެންނަކަށް ހޯދައި ނުފެނޭ. މިގައުމުން އިސްލާމް ދީން ފުހެލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އެދަނީ. އަދި އެމަސައްކަތްކުރާ މީހުންނަށް މިތަނުގައި އެންމެ ބޮޑު ޖާގައެއް ދީގެން މިއަދުގެ ސަރުކާރުން ނުދެނަހުރި ކަމަށް ހަދައިގެން އެތިބެނީ.'' ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، ދިވެހި ރައްޔިތުން ގަބޫލުކުރާ ގަބޫލުކުރުންތައް، ގައުމުން ނެތިކޮށްލުމަށް މަސައްކަތްކުރަމުންދަނީ ރައްޔިތުން އިންތިހާބުކޮށްފައި ތިއްބެވި ވެރިން ކަަމަށެވެ.

އިސްލާހާއި އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ވެރިކަމަށް އައިސް މިއަދު ފެނިގެންދަނީ ރައްޔިތުންގެ ހިތްތަކާއި ކުޅެމުންދާ މަންޒަރު ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވި ގޮތުގައި އެހުރިހާ ކަމަކުން ގައުމު ސަލާމަތްކޮށްދެވޭނީ އިދިކޮޅު ކޯލިޝަނަށެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމު ދީނަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ވުރެ ބޮޑަށް އިސްލާމް ދީން ހިމާޔަތްކުރަން މަސައްކަތް ކުރެއްވި ވެރިޔަކު ފަހުގެ ތާރީހުގައިވެސް ވެރިކަން ނުކުރައްވާ ކަމަށެވެ.

ޝިޔާމު މިފަދައިން ވިދާޅުވި އިރު މި ސަރުކާރުން ވަނީ އިންޑިއާ އާއެކު އޮތް ގުޅުން ވަރުގަދަކޮށް، ސިޔާސީ ގޮތުންނާއި އިޖުތިމާއީ އިގްތިސޯދީ އަދި ސިއްހީ، ތައުލީމީ ދާއިރާއިންވެސް އެހީތެރިކަން ދިނުމަށް އެއްބަސްވެފައެވެ. އަދި ރާއްޖެއަށް މާލީ އެހީތެރިކަން ވެސް އިންޑިއާއިން ދަނީ ފޯރުކޮށްދެމުންނެވެ.

Advertisement

ކޮމެންޓް