Advertisement

ރައީސް މައުމޫނަށް މަޝްވަރާ ދޭ ކޮމެޓީގައި ނަސްރީނާ

15 Dec 2019 | 20:07

މޯލްޑިވްސް ރިފޯމު މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ގެ މަޝްވަރާ ކޮމިޓީގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ހިމަނުއްވައިގެން ކޮމެޓީ އެކުލަވާލައްވައިފިއެވެ.

އެމްއާރުއެމް އިން ބުނީ، މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވައި ތަރައްގީކުރުމުގައި، ޕާޓީގެ ރައީސަށް ލަފާދެއްވާ މަޝްވަރާ އެރުވުމެވެ.

ރައީސް މައުމޫނަށް ލަފާ ދޭ ކޮމެޓީގައި ބާރަ މެންބަރުން ތިއްބެވި އިރު، އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން އެކަމަނާގެ ބޭބޭފުޅު އައްބާސް އިބްރާހީމާއި ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ އުމަރު ޒާހިރު ހިމެނެއެވެ.

އެމްއާރުއެމް އިން ރައީސަށް ލަފާދޭ ކޮމެޓީއެއް އެކުލަވައިލި އިރު، އެޕާޓީންވެސް ދަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކެންޑިޑޭޓުން ނެރުމަށް ތައްޔާރުވަމުންނެވެ.

އެމްއާރުއެމް އުފެއްދީ މިދިޔަ ނޮވެންބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރެއެވެ. އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން އެ ޕާޓީއާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ގަ އެވެ.

އެ ޖަލްސާގައި ވަނީ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް ރައީސް މައުމޫނު އިންތިހާބު ކޮށްފައެވެ.

އެމްއާރުއެމްގެ ވަގުތީ ހިންގާ ކޮމިޓީގައި ހިމެނެނީ، 20 މެންބަރުންނެވެ. އެެއީ 10 އަންހެން މެމްބަރުންނާއި 10 ފިރިހެން މެމްބަރުންނެވެ.

މިއީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ތިންވަނަ ސިޔާސީ ޕާޓީއެވެ. މީގެކުރިން އެމަނިކުފާނު ވަނީ ޑީއާރުޕީއާއި އާއި ޕީޕީއެމް އުފައްދަވައިފައެވެ.

Advertisement

ކޮމެންޓް

Advertisement