މައިނޯރިޓީ ދީންތަކުގެ ހައްގުގައި ބަސްފުޅެއް ވިދާޅުނުވުމަކީ ނަޝީދު ލަދުވެތިވާންޖެހޭ ޕެޓްރިޝިޔާ

16 Dec 2019 | 08:43

އިންޑިއާގެ މައިނޯރިޓީ ދީންތަކުގެ ހައްގުގައި ބަސް ވިދާޅުނުވާތީ ރައްޔިތުންގެ މަޖިލީހުގެ ރަައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަދުވެތިވާން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ވޮޗުގެ އެސޯސިއޭޓެޑް އޭޝިޔާ ޑައިރެކްޓަރު ޕެޓްރިޝިޔާ ގޮސްމަން ވިދާޅުވެއްޖެއެވެ.

ޕެޓްރިޝިޔާ ގޮސްމަން، ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ބަތަލެއް ކަމުގައި ނަޝީދު ވެވަޑައިގަންނަވާ އިރު، މައިނޯރިޓީ ދީންތަކުގެ ހައްގުގައި ބަސްފުޅެއް ވިދާޅުނުވުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ.

ޕެޓްރިޝިޔާ މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާއަށް ހިޖުރަކުރާ އަވައްޓެރި ގައުމުތަކުގެ ރައްޔިތުންނަށް، އެގައުމުގެ ރައްޔިތުކަން ދޭން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި މުސްލިމުން އިސްތިސްނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ނަޝީދު ގެންދަވަނީ އެގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވަމުންނެވެ.

އަދި ރަށްވެހިކަން ދޭ ގާނޫނު ރަނގަޅުކަމަށް ދޭހަވާ މޭރުމަކުން ނަޝީދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ކެބް ނުބަތަ ސިޓިޒަންޝިޕް އެމެންޑްމަންޓް ބިލަކީ އިންޑިއާގައި ރެފިއުޖީންގެ ގޮތުގައާއި އެނޫންވެސް ޣައިރު ގާނޫނީ ގޮތް ގޮތަށް ދިރިއުޅެމުންދާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހި ކޮށްދޭ ބިލެކެވެ.

މި ބިލްގެ ދަށުން، އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ބަންގްލަދޭޝް އާއި އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާނު ދަރިކޮޅަށް ނިސްބަތްވާ ހިންދޫންނާއި ޖެއިން އަދި ބުދިސްޓުންނާ ސިކުން އަދި ފާރިސީންނާ ކުރިސްޓިއަނުންވެސް ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް