ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެހީވި ކަމަށް ބުނާ މައްސަލައިގައި އިންޑިއާއިން ޖަވާބުދާރީވާންޖެހޭ: މުންދު

15 Dec 2019 | 13:27

ނިމިދިޔަ ރިޔާސީ އިންތިހާބު އޭރުގެ އިދިކޮޅުގައި ތިއްބެވި ފަރާތްތަކަށް ކާމިޔާބުކޮށްދިނުމަށް އިންޑިއާ ސަރުކާރުން އެހީވެދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި މައްސަލައިގައި، އިންޑިއާ އިން ޖަވާބުދާރީވާންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައިސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އިންޑިއާ އޮފިޝަލުންނާއި ޑިޕްލޮމެޓުން ގަދަޔަށް މަސައްކަތް ކުރިކަމަށެވެ.

ކުޑަކުޑަ ފުރުސަތެއް ތަނަވަސް ކޮށްދީފި ކަމުގައި ވާނަމަ، އެމްޑީޕީއަށް އިންިތހާބު ކާމިޔާބު ކުރެވޭނެކަން އިންޑިއާ ސަރުކާރަށް އެނގޭ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދުގެ އެވާހަކަފުޅުތައް ކުށްވެރިކުރައްވައި މުންދު ވިދާޅުވީ ރާއްޖޭގައި ބާއްވާ އެއްވެސް އިންތިހާބަކަށް ބޭރުގެ އެއްވެސް ގައުމަކުން ނުފޫޒު ފޯރުވުމަކީ ބޮޑު ކުށެއް ކަމަށާއި މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މަނާ ކަމެއް ކަމަށެވެ.

މުންދު ވިދާޅުވީ، އިންޑިއާއިން އިންތިހާބަށް ނުފޫޒު ފޯރުވުން މިއީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކައިހިލާފު، އަދި ޑިމޮކްރަސީގެ އުސޫލުތަކާއި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުންވެސް ބޭރުން ހިންގާފައިވާ އަމަލެއް ކަމަށެވެ.

އެހެންވެ ނަޝީދުގެ އެވާހަކަތަކަށް އިންޑިއާ ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް މުންދު ވިދާޅުވިއެވެ.

''އެހެންކަމަށް ވަންޏާ އަޅުގަނޑުމެން އެދެން އިންޑިއާއިން އެކަން ސާފުކޮށްދެން. ކަމެއް އުޅޭ ކަމަށްވަންޏާ ހިޔާލު ތަފާތުވުމެއް އުޅޭ ކަމަށްވަންޏާ ލަފާދޭނީ އެންމެ ކައިރީގައި ހުންނަ މީހަކު. އެހެންވީމާ މިކަމުގައިވެސް ނުބައި ހަދާފައި އޮންނާނީ މިއުޅޭ ކަލޭގެ. އެބޭފުޅުންނަށް އަޅުގަނޑު ގޮވައިލަން ތިޔަ ބޭފުޅުން މިކަން ހިނގައިދިޔަގޮތް ސާފުކޮށްދެއްވާށޭ.'' މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބަކީ ވަރަށް ބޮޑަށް އޮޅުވައިލާފައިވާ އިންތިހާބެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް 150000 ވޯޓް ލިބިވަޑައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެގައުމަށް ވަޑައިގެން ހުންެނެވި ބޭފުޅަކު އިންޑިއާގެ ދާޚިލީ ކަންކަމާ ބެހި ވާހަކަ ދެއްކެވުމުން އެކަން ހުރިހާ ދިވެހިންގެ ގައިގައި އުނގުޅޭނެ ކަމަށެވެ.

އޭގެ ސަބަބުން ދިވެހިންނާ މެދު އިންޑިއާ ގެ ރައްޔިތުންގެ ތަސައްވުރު ބަދަލުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާގެ މީޑިއާތަކަށް ނަޝީދު އިންޓަވިއު ދެއްވި އިރު، ރާއްޖެއަކީ މުސްލިމު ދައުލަތެއް އޮތް ގައުމެއް ކަމަށް ވީނަމަވެސް،އިންޑިއާގެ މުސްލިމުންނާ މެދު އެގައުމުގެ ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ނަޝީދަށް އެއްވެސް ބަސްފުޅެއް ވިދާޅުވާން ކެރިވަޑައި ނުގެންނެވި ކަމަށެވެ.

އިންތިޚާބެއްގައި ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ދިވެހި ރާއްޖެއިން ބޭރުގެ އެހީ ހޯދުމަކީ އިންތިހބުތަކާ ބެހޭ އާންނު ގާނޫނުގައި މަނާ ކަމެކެވެ.

Advertisement

ކޮމެންޓް