ވެރިކަމުގެ ލައްޒަތު މަތިކުރުމަށް ބާރުތައް މުށުތެރެއަށް ނުލާނަން: ރައީސް ޞާލިހު

16 Dec 2019 | 03:16

ވެރިކަމުގެ ލައްޒަތާއި ޖާހު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށް ލުމަކީ، މިސަރުކާރުން ކުރާނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްވަރާ ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާ، އެއްތަނަކުން އެއްފަހަރާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވާ މިފަދަ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި 8 ވަނަ އިޞްލާޙް ގެނައުމުގެ ބިލު ތަސްދީޤުކުރައްވާފައެވެ. މި ބިލާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރު ވެރިކަމަށް އަންނަން ރައްޔިތުންނަށްވީ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދަކީވެސް، ރާއްޖެ ތަރައްޤީ ކުރެވޭނީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ކަމަށް ވިދާޅުވި ވިދާޅުވުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިބިލާއެކު، ދިވެހިރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތް ފުރިހަމަ މާނައިގައި ފެށިގެން ދިޔައީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާ މަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙާއެކު ރާއްޖޭގެ ހިންގުމަށް އަންނާނެ މުހިންމު ބަދަލުތަކުގެ މައްޗަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމާއި ރަށަށް، އަތޮޅަށް އަދި ސިޓީއަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް، ކައުންސިލްތަކަށް ދިނުން އެންމެ މުހިންމު ބަދަލުތަކުގެ ތެރޭގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުހިންމު އިތުރު ބަދަލެއްގެ ގޮތުގައި، އަންހެން ބޭފުޅުންނަށް މިހާރަށް ވުރެ އިތުރު ފުރުޞަތުތައް މި ޤާނޫނުގެ ދަށުން ހޯއްދަވައިދެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލްތަކުގެ ތިން ބައިކުޅަ އެއްބައި އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރެވިފައި އޮތް އޮތުމާއި ކޮންމެ ރަށެއްގައި، ތަރައްޤީއަށް މަސައްކަތް ކުރުމަށް 5 އަންހެން ބޭފުޅުންގެ މައްޗަށް އެކުލެވޭ، އަންހެނުންގެ ކޮމިޓީއެއް އިންތިޚާބު ކުރެވޭގޮތަށް ގެނެވިފައިވާ ބަދަލު ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް