Advertisement

ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރެއްވި ގަލަންކޮޅު ރައީސް ނަޝީދަށް

16 Dec 2019 | 03:17

ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދޫކޮށްލާފައިވާ ލާމަރުކަޒީ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމަށްފަހު، އެ ގަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެދުންކުރައްވައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި ބިލު ރައީސް ސޯލިހު ތަސްދީގު ކުރެއްވީ "ވިޔަވަތި ރާއްޖެ" ގެ ނަމުގައި ކައުންސިލަރުންނަށް ހާއްސަކޮށްގެން ކްރޮސް ރޯޯޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި މަހާސިންތާގައެވެ.

ބިލް ތަސްދީގު ކުރެއްވުމަށްފަހު ޖަލްސާގެ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ރައީސް ނަޝީދަށާއި މަޖިލީހުގެ މެންބަރުންނަށް ޝުކުރު ދަންނަވައިފަ އެވެ.

އެއީ ކައުންސިލްތަކަށް ބާރުދޭ ގާނޫނު ވުޖޫދަށް ގެނައުމަށްޓަކައި ކޮށްދެއްވި ބުރަ އަދި އިހްލާސްތެރި މަސައްކަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ފަދައިން ކައުންސިލުތަކަށް ބާރު ދިނުމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެކަމަށް އެއްވެސް ޝައްކެއް ނެތް ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

އެ ބިލުގައި ހިމަނާފައިވަނީ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ދިނުމަށް ނިންމާފައެވެ. އެގޮތުން އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި އަންހެނުންނަށް 384 ގޮނޑި ޔަގީން ވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް