Advertisement

އަންނަ އަހަރު މާލެ ސަރަހައްދުގައި ދެވަނަ ބުރިޖު އަޅަނީ

16 Dec 2019 | 11:01

މާލެ ހިމެނޭ ސަރަހައްދުގައި އަޅައި ދެވަނަ ބުރިޖުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެއެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖާ ގުޅޭގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި މަހާސިންތާގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ގުޅީފަޅު ހިއްކުމުގެ މަސައްކަތް އެއްކޮށް، ނިންމައި، އޭގެ ފަހުން ބްރިޖްގެ މަސައްކަތް ފެށުމަށް ކަމަށެވެ.

ބްރިޖްގެ ޑިޒައިން އަދި ޓެންޑާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ބްރިޖް މަޝްރޫއުގެ ކޮންސަލްޓަންޓް، އޮވޭ އަރުޕްގެ ފަރާތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި މަޝްރޫއުގެ ތަފްސީލީ މައުލޫމާތު މިހާރު ދީފައިވާކަމަށް އަސްލަމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު މަޝްރޫއުގެ ތެރެއިން މާލެއާއި ވިލިމާލެ ގުޅުވާލިޔަސް، ވިލިމާލެއަކީ އިންޖީނު ލީ އުޅަނދު ނުދުއްވާ، ފެހި އަވަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އޮތް އޮތުމަށް ބަދަލެއް ގެނައުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

''ވިލިމާލެއަކީ ގްރޭޓާ މާލެ ރީޖަންގައި ހާއްސަ ސިފަތަކެއް އެކުލެވޭ ރަށެއްގެ ގޮތުގައި ބޭއްވުމަށް އަދިވެސް މި ގަސްދުކުރަނީ." އަސްލަމް ވިދާޅުވި އެވެ.

އަސްލަމު ވިދާޅުވިގޮތުގައި ބުރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާއިރު އަމާޒަކީ 2023 އަށް މަސައްކަތް ނިންމާލުމެވެ.

މަހާސިންތާގައި މާލޭން ފެށިގެން ގޮސް ވިލިމާލޭގެ ދެކުނު ފަރާތާ ބުރިޖު ގުޅޭ ހިސާބުގައި ޕާކިންގް ސަރަހައްދުތަކެއް ތަރައްގީ ކުރުވިދާނެ ގޮތްތަކެއް ހިމަނާފައިވާ ޕްރެޒެންޓޭޝަނެއް ވަނީ ދައްކައިލާފައެވެ.

މި ޕްރެޒެންޓޭޝަންގައިވާ ގޮތުން ވިލިމާލެއާ ގުޅޭ ސަރަހައްދުގައި ބުރިޖުގެ ދެ އަރިމަތީގައި ޕާކިންގް ސަރަހައްދުތަކެއް އަޅައި، ހިނގާ މީހުންނަށް ބުރިޖުގެ އަޑިން ދެވޭ ގޮތަށް "އަންޑަޕާސް"އެއް ތަރައްގީ ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް