ތިލަފުށި ބުރިޖަކީ އެއްފަސްކުރަން އަޅާ ބުރިޖެއް ނޫން: ފައްޔާޒު

20 Dec 2019 | 21:41

ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި ގުޅުވައިލަދޭ ބުރިޖަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އަޅައި ބުރިޖެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ، ވިލިމާލެ ބުރިޖު އެޅުމާއި ގުޅޭ ގޮތުން ސަރުކާރުގެ ވަޒީރުން ކުރިން ދެއްކެވި ވާހަކަތަކާއި ގުޅިގެން އޮންލައިން ނޫހެއްގައި ޝާއިއުކުރި އާޓިކަލެއް ޓެގުކޮށް އާންމު ފަރާތަކުން ކުރި ޓުވީޓަކާއި ގުޅުވައިގެންނެވެ.

ފައްޔަޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކުޑަކޮށްވެސް ހިޔާލަކަށް ބަދަލެއް ނާންނަކަމަށާއި ތިލަފުށި ބުރިޖަކީ އެއްފަސްކުރުމަށް އަޅާ ބުރިޖެއް ނޫންކަމަށެވެ.

އަތޮޅުތެރޭގެ ތަރައްގީ ގުރުބާން ކޮށްފަ ކުރާކަމެއް ނޫންކަމަށާއި އެއީ ޕޯޓު ބަދަލުކޮށް އިގުތިސާދީ ބޮޑު ހެޔޮ ބަދަލަކަށް އަޅާ ބުރިޖެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖާ ގުޅޭގޮތުން އިއްޔެ ދަރުބާރުގޭގައި ބޭއްވި މަހާސިންތާގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ގުޅީފަޅު ހިއްކުމުގެ މަސައްކަތް އެއްކޮށް، ނިންމައި، އޭގެ ފަހުން ބްރިޖްގެ މަސައްކަތް ފެށުމަށް ކަމަށެވެ.

ބްރިޖްގެ ޑިޒައިން އަދި ޓެންޑާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ބްރިޖް މަޝްރޫއުގެ ކޮންސަލްޓަންޓް، އޮވޭ އަރުޕްގެ ފަރާތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި މަޝްރޫއުގެ ތަފްސީލީ މައުލޫމާތު މިހާރު ދީފައިވާކަމަށް އަސްލަމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު މަޝްރޫއުގެ ތެރެއިން މާލެއާއި ވިލިމާލެ ގުޅުވާލިޔަސް، ވިލިމާލެއަކީ އިންޖީނު ލީ އުޅަނދު ނުދުއްވާ، ފެހި އަވަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އޮތް އޮތުމަށް ބަދަލެއް ގެނައުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

އަސްލަމު ވިދާޅުވިގޮތުގައި ބުރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާއިރު އަމާޒަކީ 2023 އަށް މަސައްކަތް ނިންމާލުމެވެ.

Advertisement

ކޮމެންޓް

Advertisement