ހަރުކަށި ފިކުރަށް ނިސްބަތްވާ 1400އެއްހާ މީހުން އެބަތިބި: ސީޕީ ހަމީދު

16 Dec 2019 | 14:46

ދިވެހިރާއްޖޭގައި ހަރުކަށި ފިކުރަށް ނިސްބަތްވާ 1400އެއްހާ މީހުން ދިވެހިރާއްޖޭގައި އުޅޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިހެން ވިދާޅުވީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ ވިޔަވަތި ރާއްޖެ މަހާސިންތާގައި މިއަދު ކުރިއަށްދިޔަ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ މިހާތަނަށް އެއްކުރެވުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަރުކަށި ފިކުރުގެ ތެރޭގައި ތިބި 1400 އެއްހާ ދިވެހިން އެބަތިބިކަމަށެވެ. އަދި އެއީ ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރަށް، އެ ފިކުރުގެ ތެރެއަށް ވެއްޓިފައި ތިބި ފަރާތްތަކެއްކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވަނީ ސީރިޔާއާއި އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކާއި ގުޅުމަށް ދިޔަ ދިވެހިންގެ ތަފާސްހިސާބުތައްވެސް އާންމުކޮށްފައެވެ.

ހަމީދު ވިދާޅުވި ގޮތުގައި ސީރިޔާއާއި އިރާގުގެ ދާޚިލީ ހަނގުރާާމައިގައި ބައިވެރިވުމަށް 423 ދިވެހިން ޝައުގުވެރިކަން ފާޅުކުރިކަމަށެވެ. އޭގެ ތެރެއިން ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ފަރާތްތަކުގެ އަދަދަކީ 173 ކަމަށެވެ.

މި އަދަދުގެ ތެރެއިން ގިނަބަޔަކީ ކުޑަކުދިންނާއި އަންހެނުންކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް