ރޯދަ މަހު ކަރަންޓް ބިލު ދައްކައި ދިނުން، ބޭރުން ހާފިޒުން ގެނައުމަކީ ބޮޑު އިސްރާފެއް: ނަޝީދު

17 Dec 2019 | 15:12

ކޮންމެ އަހަރަކު ރަމަޟާން މަހު ކައުންސިލުތަކުން ގޭގޭގެ ކަރަންޓް ބިލު ދައްކައި ދިނުމާއި ބޭރުން ހާފިޒުން ގެނައުމަކީ ކައުންސިލުން ކުރާ ބޮޑު އިސްރާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަރުބާރުގޭގައި ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ "ވިއަވަތި ރާއްޖެ" މަހާސިންތާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

''ތިޔަބޭފުޅުން ކައުންސިލުގެ ބޮޑު ބަޖެޓޫން ހޭދަކުރައިރު އެބަކުރޭ، ކަރަންޓް ހިލޭ ކޮށްލަން ރޯދަ މަހަށް. އެ ކާކަށް ކޮންފައިދާއެއް ވާނެ ކަމެއް. އެއަށްވުރެ ބޮޑަށް ރައްޔިތުންގެ ލާރި އުކާލެވޭނެ ގޮތެއް އެބައޮތްތޯ. އަނެއްކަ ހަމަ ހަރަދުކުރޭ ވައުލު ބުނާ މީހުން ރޯދަމަހު މާދުރުގާ ބޭރު ގައުމުތަކުން ގެނެސް އެކަންކުރަން ކައުންސިލުގެ ބަޖެޓުގައި އެބަހުރި ޖަހާފައި.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޕާކުހަދަން ކައުންސިލުގެ ބަޖެޓުގައި ޖަހާފައި ހުރި ކަމަށާއި އެކިއެކި ކަންކަމަށް ބަޖެޓުގައި ޖަހާފައިވާކަމަށެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި އެގާނޫނު ތަންފީޒު ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، މި ސަރުކާރުން ފާސްކޮށްފައިވާ ބޮޑު ބަޖެޓާއި، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދޭ ބާރުވެރިކަމާ އަދި ލާމަރުކަޒީ ގާނޫނުން ހާސިލްކުރަން ބޭނުންވާ ތަރައްގީ އަކީ އެހެން ބަޔަކަށް ކުޑަކޮށް ވެސް އެނގޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކމުގައި ހުޅުމާލެއަށް ގެނައި ތަރައްގީއަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ހުޅުމާލެ ތަރައްގީ ކުރަން ނިންމެވީ ރަށްރަށުގެ ބޮކިތައް ނިއްވައިލާފައި ކަމަށެވެ.

''އަޅުގަނޑުމެން ވެރިކަމުން ދުރުކޮށްފައި އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން މުޅި ރާއްޖެތެރެ އުވާލާށޭ ވިސްނެވީ. ދެން އަޅުގަނޑު ހިތަށް އެރީ އެންމެ ފަހުން ކޮން ރަށެއްގެ ބޮކި ނިއްވާލާފަ ބާއޭ ހުޅުމާލެއަށް ވަޑައިގަންނަވަން އެއުޅެނީ.'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އިގްތިސޯދީ ހަރަކާތް ހިންގުން ކަމަށެވެ. އެހެންކަމުން މީހުންނާއި ވަޒީފާތަކަށް ފައިސާ ހަރަދުނުކޮށް، އިގްތިސޯދީ ޕްރޮގްރާމްތަކަށް ފައިސާ ހަރަދުކުރުމަށް ނަޝީދު ވަނީ މަހާސިންތާގެ ބައިވެރިންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ލާމަރުކަޒީ ނިޒާމު ފެއިލް ވެއްޖެ ނަމަ، އެއީ އަޅުގަނޑުމެންގެ ސިޔާސީ ހަޔާތުގެ އެންމެ ބޮޑު ނާކާމިޔާބީ. އެހެންވީމަ އެމްޑީޕީ ނޫން ބައެއްގެ އަތްމައްޗަށް މިކަން ދޫކޮށްލެވޭކަށް ނެތް." ނަޝީދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލީ، އިންތިހާބުތަކަށް ސަރުކާރުތަކުން ދައްކާ ދަޅަ ހުއްޓުވުގެ ނިޔަތުގައި ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް