ގާސިމު ރައީސް ނަޝީދަށް: ބޭރުން ހާފިޒުން ގެނައުމަކީ އިސްރާފެކޭ ބުނަން ހެޔޮވާނެތޯ

18 Dec 2019 | 00:24

ކޮންމެ އަހަރަކު ރަމަޟާން މަހު ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަކީ ކައުންސިލުތަކުން ކުރާ އިސްރާފެއް ކަމަށް ބުނުން ހެޔޮވާނެތޯ، ސުވާލު ކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ގާސިމް އިބްރާހީމް މިހެން ވިދާޅުވީ، ކޮންމެ އަހަރަކު ރަމަޟާން މަހު ކައުންސިލުތަކުން ގޭގޭގެ ކަރަންޓް ބިލު ދައްކައި ދިނުމާއި ބޭރުން ހާފިޒުން ގެނައުމަކީ ކައުންސިލުން ކުރާ ބޮޑު އިސްރާފެއް ކަމަށް ވިދާޅުވެ، އިއްޔެ ދަރުބާރުގޭގައި ބޭއްވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރއްދުދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ރޭ ޖުމްހޫރީ ޕާޓީން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުވެސް މަގާމާއި ހަވާލުވަނީ ބޮޑު ހުވައެއް ކޮށްގެން ކަމަށެވެ.

އެއީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ގާނޫނު އަސާސީއާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމަށް ކުރެވޭ ހުވައެއް ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އެ ހުވާ ކުރައްވައިގެން ތިއްބަވާ ބޭފުޅުންގެ ވާހަކަތައް މިއަދު ހުރީ އެއާއި އެއްގޮތަކަށްތޯ ގާސިމް ސުވާލު ކުރެއްވިއެވެ.

"ދެން ހުރުމަތްތެރިކޮށް ހިތުނީ ކަމަށް ބެލެވޭނެތޯ ވައުޒު ވިދާޅުވާން އަންނަ ބޭފުޅުން ނުވަތަ ރޭގަނޑު ތަރާވީހް ނަމާދު ކުރުމަށް އެ ގެނެވޭ ބޭފުޅުން، ރާއްޖޭގައި އެހާ ގިނަ ބޭފުޅުން ނެތީތީ އެފަދަ ބޭފުޅުން ރާއްޖެއިން ބޭރުން ގެނައުމަކީ އިސްރާފެކޭ ބުނުން ހެޔޮވާނެތޯ." ނަޝީދުގެ ވާހަކައަށް ރައްދު ދެއްވައި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެފަދަ ބޭފުޅަކު އެ ހިލާފުވަނީ ކޮންކަމަކާ ކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

ނަމަވެސް އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ކިހާ ބޮޑު ކުށެއްކަން އެފަދަ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާތޯ ގާސިމް ސުވާލުކުރެއްވިއެވެ.

މީގެއިތުރުން ގާސިމް ވިދާޅުވީ ދީނާ ހިލާފު ވާހަކަތައް ދައްކަން އަބަދު ފުރުސަތު ދީގެން ނުތިބޭނެ ކަމަށާއި ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން މެދުނުކެނޑި ދީނާ ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށެވެ.

ސަރުކާރު ކޯލިޝަނާ ގުޅޭގޮތުން ގާސިމް ދެއްކެވި ވާހަކަައިގައި ވިދާޅުވީ، ރައްޔިތުން އެއް ޕާޓީއަކަށް ވެރިކަން ދޭން ބޭނުން ނުވާ ކަމަށާއި އެއީ ސަބަބުތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބުތަކެއްކަން ގާސިމު ވިދާޅުވެފައެއް ނުވެއެވެެ.

ގާސިމް ވިދާޅުވީ ކޯލިޝަނުން ވެރިކަމަށް އަންނަނީ ޖޭޕީގެ އެހީއާ އެކު ކަމަށެވެ. ނަމަވެސް ދެފަހަރެއްގެ މަތިން އެޕާޓީއަށް ވަރަށް ހިތި ތަޖުރިބާތަކާއި ކުރިމަތިލާން ޖެހިއްޖެ ކަމަށް ވިދާޅުވިއެވެ. ގާސިމް އެހެން ވިދާޅުވިއިރު، 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ ޖޭޕީއާ ކޯލިޝަން ހަދައިގެންނެވެ. އަދި 2018 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީވެސް ޖޭޕީއާ ކޯލިޝަން ހަދައިގެންނެވެ. ނަމަވެސް އެ ދެފަހަރުވެސް ސަރުކާރުގެ ތެރެއިން ޖޭޕީ އެކަހެރިކޮށްލިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ހިތި ތަޖުރިބާތައް ލިބިއްޖެ. ކުރީގަ އިސްވެ ދިޔަ ދެފަހަރު. އެއީ އެމްޑީޕީގައި ކުރީގައި ހެދި ކޯލަޝަންއާއި އަދި ޕީޕީއެމްއާ އެކީގައި އަޅުގަނޑުމެން ހެދި ކޯލިޝަނުންވެސް އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ނަތީޖާ ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ." ގާސިމް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް