Advertisement

މިނިމަމް ވޭޖު ކަނޑައެޅުމަށް ހެދި ދިރާސާތައް ނިމިއްޖެ

17 Dec 2019 | 20:10

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި ސެލެރީ އެންޑް ވޭޖަސް އެޑްވައިޒަރީ ބޯޑުން ކުރި ދިރާސާތައް ނިމިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ އައިއެލްއޯއަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ނެޝަނަލް އާޓް ގެލަރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އުއްމީދަކީ އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ސެޝަންގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށެވެ. އެގޮތުން އެ ރިޕޯޓުތައް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަައި، ރައްޔިތުންގެ ލަފާ ވެސް ހޯދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މި ރިޕޯޓުތައް ނިންމުމުގައި އޭނާގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އޭނާ އަދާކުރެއްވީ އައިއެލްއޯ އާއި ސެލެރީ އެންޑް ވޭޖަސް އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ދެމެދުގެ މެދުވެރިއެއްގެ ދައުރު ކަމަށެވެ.

މުވައްޒަފުންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Advertisement

ކޮމެންޓް