އުރީދޫ މޯލްޑިވްސްއިން ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވައިފި

17 Dec 2019 | 21:18

އުރީދޫ މޯލްޑިވްސް ޕލކ އިން ވަނީ ޚާއްސަ ގޮތުންކުރާ އާންމު ޖަލްސާއެއް 16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހުގެ ދިވެހިރާއްޖޭގައި ބާއްވާފައެވެ.

މި ޖަލްސާގައި ޖުމްލަ 91 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 32 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށަހަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ. އަދި 59 ހިއްސާދާރުންވަނީ ހޮޓެލް ޖެން އަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވެފައެވެ.

އެ ކުންފުނިން މައުލޫމާތު ދިންގޮތުގައި މި ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާ ބާއްވާފައިވަނީ ކުންފުނީގެ އަސާސީ ގަވާއިދު އަދި ހިންގާ ގަވާއިދު އިސްލާހުކުރުމަށް ހިއްސާދާރުންނަށް ހުށަހެޅުމުގެ ގޮތުންނެވެ.

މިގޮތުން ހުށަހަޅާފައިވާ މައިގަނޑު ކަމަކީ، އާންމު ހިއްސާދާރުންގެ ފަރާތުން އައްޔަންކުރާ ބޯޑު ޑިރެކްޓަރުގެ ދައުރު ކަނޑައެޅުމެވެ.

މީގެ އިތުރުން، ކުންފުނީގެ މަޤްޞަދުތަކާއި މަސައްކަތްތައް އެއްގޮތްކުރުމުގެ ގޮތުންނާއި، ހިއްސާދާރުންނަށް ފަސޭހައިން މާނަ ދޭހަވާނެގޮތަށް ބައެއް މާއްދާތައް އިސްލާހުކުރުމަށް ވަނީ ހުށަހެޅިފައެވެ.

އިސްލާހުކޮށްފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރުމަށްފަހު، ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށް ޝާއިޢުކުރެވޭނެ ކަމަށާއި އިސްލާހުކުރެވިފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާނީ، ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާ ދުވަހުން ފެށިގެންކަމުގައިވެސް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

Advertisement

ކޮމެންޓް

Advertisement