އެސްޓީއޯ އިން ފިޔާ ކިލޯއެއް 40 ރުފިޔާއަށް

17 Dec 2019 | 21:31

އެސްޓީއޯއިން އެއާ ފްރެއިޓްކޮށް ފިޔާ ގެނެސް ކިލޯއެއް 40 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ، ބާޒާރުގައި ފިޔާގެ އަގު މައްޗަށް ދިއުމާއި ގުޅިގެން އަގުތައް ކޮންޓްރޯލު ކުރުމަށް، ކުންފުނިން އެއާ ފްރެއިޓްކުރި ފިޔާ ޝިޕްމަންޓް، ފިޔާ އެސްޓީއޯ ސުޕަމާޓުން މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މީހަކަށް ކިލޯއެއް ވިއްކާއިރު، ކިލޯއެއްގެ އަގަކީ 40 ރުފިޔާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

''ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުގެ ދަށުން އެސްޓީއޯ ސުޕަރމާރޓްއިން 40 ރުފިޔާ އަށް ފިޔާ ކިލޯއެއް ލިބެން ހުންނާނެ ވާހަކަ އެންމެހާ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.'' އެސްޓީއޯ އިން ބުނެފައިވެއެވެ.

މިމަހުގެ ކުރީ ކޮޅުން ފެށިގެން ރާއްޖޭގައި ފިޔާގެ އަގުވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން މާލޭގައި 70 ރުފިޔާއަށް ވެސް ފިޔާ ކިލޯއެއް ވިއްކާފައި ވެއެވެ. އެކަމަކު އަތޮޅުތަކުގައި ފިޔާގެ އަގު ހެޔޮކަން ފާހަގަކޮށްލެވެއެވެ. މާލޭގައި 70 ރުފިޔާއަށް ކިލޯއެއް ވިއްކި އިރު ބައެއް ރަށްރަށުގައި ފިޔާ ކިލޯއެއްގެ އަގުހުރީ 45 ގައެވެ.

ފިޔާގެ އަގު އުފުލިފައިވަނީ، އިންޑިއާއަށް ދާދިފަހުން ކުރި ވިއްސާރައިގައި ފެންބޮޑުވެ، ފިޔާ ދަނޑުތައް ހަލާކުވުމާއި ގުޅިގެން، އެގައުމުގައި ފިޔާގެ އަގު އުފުލިފައިވާތީ އެވެ.

Advertisement

ކޮމެންޓް

Advertisement