ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ބަލައިގެންފި

18 Dec 2019 | 12:57

ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފަށް ހުށަހެޅި މައްސަލަ، ހައި ކޯޓުން ބަލައިގެންފިއެވެ.

އެމައްސަލަ ހައި ކޯޓުން ބަލައިގެންކަމަށް އެކޯޓުން މިއަދު ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ މަހުގެ 30 ގައެވެ. މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހުސްވި ނޮވެމްބަރު މަހުގެ 28 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކުރަމުންދާއިރު، އިދިކޮޅު ކޯލިޝަނުން ދާދިފަހުން ވަނީ ރައީސް ސޯލިހާ ވެސް ބައްދަލުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމެކެވެ. އަދި އުފުލާފައިވަނީ ސިޔާސީ ދައުވާއެކެވެ. އެގޮތުން މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވަމުންދާކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

Advertisement

ކޮމެންޓް

Advertisement