ޓާމިނަލުން ގެސްޓް ރިލޭޝަންސް މީހުން ބިނާ ކުރުމަކީ ވިސްނުމެއް: ޝިފާ

23 Dec 2019 | 16:00

ޓޫރިސްޓުންނަށް އަމާޒުކޮށްގެން އެމްޑަބްލިޔުއެސްސީން މަސްވެރިންގެ ޕާކުގައި ހެދި ޓާމިނަލުން ގެސްޓް ރިލޭޝަން މީހުން ބިނާކުރުމަށް ސިޓީ ކައުންސިލުން ވިސްނަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިހެން ވިދާޅުވީ، ޓޫރިސްޓުންނަށް އަމާޒުކޮށްގެން މަސްވެރިންގެ ޕާކު ސަރަހައްދުގައި ހެދި ޓާމިނަލު މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ޝިފާ ވިދާޅުވީ ގެސްޓް ރިލޭޝަންސް މީހުން ބިނާ ކުރުމަކީ ދިވެހި ޒުވާނުންނަށް ލިބިގެންދާނެ ރަގަޅު ފުރުސަތެއް ކަމަށެވެ. ވަޒީފާއަށް ޒުވާނުން ގެނެސް ހޭލުންތެރިކުރުވުމަކީ ސިޓީ ކައުންސިލުން ބޭނުންވާކަމެއް ކަމަށް ޝިފާ ވިދާޅުވި އެވެ.

މާލެ އަންނަ ޓޫރިސްޓުންނަށް ފާހާނާކޮށް، ފެންވެރޭނެ ގޮތާއި ޓޫރިސްޓުންނަށް މައުލޫމާތު ފޯރުކޮށްދޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ޓާމިނަލް ހިންގާނީ ވިޔަފާރި މޮޑެލަކަށް ކަމަށް ޝިފާ ވިދާޅުވިއެވެ.

ޓާމިނަލް ޓޫރިސްޓު ހަބަކަށްވެގެންދާނެކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ، ޓާމިނަލުން ލިބޭ އާމްދަނީން އިސް މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ދީގެން، ސަރުކާރުގެ ބަޖެޓާ ނުލާ އެތަން ބެލެހެއްޓުމުގެ ކަންތައްތައް ރާވަމުންދާކަމަށް ޝިފާ ވިދާޅުވި އެވެ. އެހެންކަމުން ޓާމިނަލް ހިންގަން ދައުލަތުގެ ބަޖެޓުން ހަރަދު ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތެއްގައި ޓާމިނަލް، ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ސިޓީ ކައުންސިލުގެ ފަރާތުން ޓާމިނަލާއި ހަވާލުވީ މޭޔަރު ޝިފާ މުހައްމަދެވެ.

މާލެއަށް އަންނަ ޓޫރިސްޓުންނަށް ބޭނުންވާ ބައެއް ހިދުމަތްތަކާ އެކު ހެދި މި ޓާމިނަލަކީ، އެމްޑަބްލިޔުއެސްސީގެ ސީއާރުއެސް ބަޖެޓުން ހަރަދުކޮށްގެން ހެދި ޓާމިނަލެކެވެ.

މާލެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް މަޑުކޮށްލެވޭނެ އިންތިޒާމާއި، ލަގެޖު ބެހެއްޓޭނެ އިންތިޒާމާއި ފާހާނާ ކުރުމާއި ފެންވަރައި ލެވޭނެ އިންތިޒާމުގެ އިތުރުން، އެ މީހުންނަށް ބޭނުންވާ މައުލޫމާތު ދިނުމާއި މައުލޫމާތު ލިބޭނެ އިންތިޒާމު ވެސް މި ޓާމިނަލުން ލިބޭނެއެވެ.

ޓާމިނަލް ރަސްމީކޮށް ހުޅުވާނެ ތާރީޚެއް ސިޓީ ކައުންސިލުން އަދި ހާމައެއް ނުކުރެއެވެ.

Advertisement

ކޮމެންޓް