ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާ ސަބަބު ރައްޔިތުންނަށް ހާމަކޮށްދީ: އިދިކޮޅު

02 Jan 2020 | 08:08

ސިފައިން ހަތިޔާރާއެކު ނުކުމެ، ތަންތަން ބަލައި ފާސްކުރާ ސަބަބު ރައްޔިތުންނަށް ހާމަކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިރެއިން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް ދެޔަކަށް މަތިކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބުނުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅކުރައްވައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި ގޮތަކަށް ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސިފައިން ހަތިޔާރާއެކު ނުކުމެ، ތަންތަން ބަލައި ފާސްކުރުމަކީ ރައްޔިތުންގެ ހިތުގައި ނުތަނަސްކަން އުފެދޭނެ ކަމެއް ކަމަށެވެ.

އެހެންވެ އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް އަބްދުއްރަހީމް ސަރުކާރަށް ވަނީ ގޮވައިލައްވައިފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިފައިންގެ އެ ހަރަކާތަށް ދެކޮޅު ހަދަނީ ނޫން ކަމަށާއި ރައްޔިތުންނަށް ވާނުވާ އެނގެންޖެހޭނެ ކަމަށެވެ.

މީގެއިތުރުން އެބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އެންމެ ފައްކާވެގެންދާ ދުވަސް ވަރަކީ މިއީ ކަމަށެވެ.

މިދުވަސް ވަރާ ދިމާކޮށް ރައްޔިތުންނާއި ފަތުރުވެރިންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދޭ ގޮތަށް ސަލާމަތީ ބާރުތަކުން ހަތީޔާރާއެކު ނުކުތުމަކީ ރާއްޖޭގެ ފަތުރުވެރިކަަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް