Advertisement

އާ އަހަރު ފާހަގަކުރުމުގެ ނަމުގައި ބޮއިގެން ނާޗަރަންގީ ކުޅެން ހުއްދަ ދީގެންނުވާނެ: އިޔާޒު

26 Dec 2019 | 11:46

އާ އަހަރު ފާހަގަކުރުމުގެ ނަމުގައި ބޮއިގެން މަސްތުވެގެން ތިބެ، ނާޗަރަންގީ ކުޅެން ހުއްދަ ދީގެންނުވާނެ ކަމަށް އައްޝައިޚު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާ އަހަރު ފާހަގަކުރުމުގެ ނަމުގައި ނާޗަރަންގީ ޝޯތައް ބާއްވައި، ﷲ ހަރާމްކުރެއްވި ބުއިންތައް ބޮއެގެން މަސްތުވެ، ފާހިޝް އަމަލުތައް ހިންގުމަށް ފުރުސަތު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އެކަން ކުރާ މީހުންނާއި ކުރުވާ މީހުންނާއި ހުއްދަ ދޭ ފަރާތްތައް ހަމަހަމަވާނެ ކަމަށް އިޔާޒުވިދާޅުވިއެވެ.

ﷲގެ ނިއުމަތްތައް ގިނަގުނަކަން ފާހަގަކުރައްވައި އިތުރު ޓުވީޓެއްގައި އިޔާޒު ވިދާޅުވީ، ރެޔާއި ދުވާލަކީވެސް ނިއުމަތެއް ކަމަށެވެ. އެހެންވެ އުފަލެއް ލިބުނަސް އަދި ހިތާމައެއް ކުރިމަތިވިޔަސް، އެކަންތައްތަކުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އެނާ ވިދާޅުވިއެވެ.

މިއަދަށް ސުނާމީ ހާދިސާއަށް 15 އަހަރު ފުރޭ އިރު، 2004 ގެ ސުނާމީ ހާދިސާއިން އިބުރަތް ހާސިލުކުރަންޖެހޭނެ ކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.

އާ އަހަރު ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބައެއް ފަރާތްތަކުން ތަފާތު ހަރަކާތްތައް ހިންގައެވެ. އެގެ ތެރޭގައި މަސްތުވެގެން ތިބެ ޝޯ ބޭއްވުންފަދަ ހަރަކާތްތައް މީގެކުރިންވެސް ބާއްވާފައި ވެއެވެ.

Advertisement

ކޮމެންޓް