ކޭތަ ހިފުމަކީ ހަމައެކަނި ގުދުރަތީ ކަމެއްނޫން، އުރެދުންތައް ގިނަވުމުންވެސް ކޭތަ ހިފާނެ: ޚުޠުބާ

28 Dec 2019 | 02:57

ކޭތަ ހިފުމަކީ ހަމައެކަނި ގުދުރަތީ ކަމެއްނޫން، މީސްތަކުންގެ މދުގައި އުރެދުންތައް ގިނަވުމުން އެބައި މީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމުގެ ގޮތުންވެސް ކޭތަ ހިފާނެކަން ހަދީސުން ސާބިތުވެފައިވާކަމަށް މިއަދު ކުރި އިރުކޭތަ ހުތުބާގައި ބުނެފިއެވެ.

އިރުކޭތަ ހުތުބާގައި ބުނެފައިވަނީ ކައުނު ހަލާކުވެ ދުނިޔެ ޚަރާބުވަނީ ތަފާތު ކުށްތައް ގިނަވުމުގެ ސަބަބުން ކަމަށެވެ.

މީސްތަކުންގެ އަތްތަކުން ހޯދައިގެން ކަންތައްތަކުގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވާނެ ކަމަށާއި އެބައި މީހުންކުރި ބައެއް އަމަލުތަކުގެ ރަހަ އެބައި މީހުންނަށް ދައްކަވައި، ތައުބާ ވެއްޖައުމަށް ދާންދެން އެކަން މެދުވެރިކުރައްވާނެ ކަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި ބުނީ، ގިޔާމަތްވުން ވަރުގަދަ ބިންހެލުމަކާއި ހަނދުކޭތަ ހިފުމާއި ތަރިތައް ބުރައިގެން ދިޔުމަކުން ކަމަށެވެ. އެހެންކަމުން ކޭތަ ހިފުންފަދަ ކަންތައްތަކަކީ ގިޔާމަތް ދުވަހުގެ މަތިން ހަނދުމަކޮށްދެއްވުމަށް މާތްﷲ މިންވަރުކުރައްފާއިވާ ކަންތައްތަކެއް ކަމަށާއި އެއީ އެދުވަހަށް ސާމލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއް ކަމަށް ހުތުބާގައި ބުނެއެވެ.

އަދި ކޭތަ ހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން އިހުސާސްކޮށްދެނީ ކަށްވަޅުގެ އަނދިރިކަން ކަމަށާއި ކޭތަ ނަމާދުގައި ކަށްވަޅުގެ އަޒާބުން ނިންޖުކޮށްދެއްވުމަށް އެދި މާތް ނަބިއްޔާވެސް ދުއާކުރެއްވި ކަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި ބުނީ ކޭތަ ހިފުމަކީ ރީތި މަންޒަރެއް ނޫން ކަމަށާއި އަދި އެއީ ބަލަން ނުކުންނަން ޖެހޭ ފަދަ މަންޒަރެއްވެސް ނޫން ކަމަށެވެ. މުސްލިމުން އެކަމާ މެދު ޝަރުއީ ނަޒަރަކުން ބަލަންޖެހޭނެ ކަމަށާއި މުސްލިމުން ނުކުންނަން ޖެހޭނީ ﷲ ގެ ހަޒުރަތަށް ރުޖޫއަ ވުމަށް ކަމަށެވެ.

ކޭތަ ހިފުމަކީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް އިންޒާރު ދެއްވުމަށް ހަމަޖައްސަވައިފައިވާ ނިޒާމެއް ކަމަށާއި މީހެއްގެ މަރަށްޓަކައި ނުވަތަ މީހަކު އުފަންވުމަށްޓަކައި ކޭތައެއް ނުހިފާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކޭތަ ހިފުމަކީ ﷲ ތަޢާލާ އިރަށާއި ހަނދަށް މިންވަރުކުރައްވާފައިވާ ދައުރުވުމެއްގެ ސަބަބުން ހޖިނގާކަމެއް ކަމަށާއި އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެއްކެތް ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނިގޮތުގައި ހަނދު އަތުލައިގަތުމަކީ އިރަށް އެކަށީގެންވާ ކަމެއް ނޫނެވެ.

''އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައިދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.'' ކީރިތި ގުރުއާނުން ދަލީލު ދައްކަވަމުން ހުތުބާގައި ބުންޏެވެ.

އެހެންކަމުން އިރު، އޭގެ މަދާރުން ކައްސާލައިގެން ހަނދުގެ މަދާރުގެ ތެރެއަކަށް ނުވަންނާނެ ކަމަށް ގުރުއާނުން ސާބިތުވާކަމަށް ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް