ސުނާމީގައި ގެދޮރު އަޅަން ނެގި 592 މީހެއްގެ ލޯނު ވަނީ މަޢާފުކޮށްފައި: ރައީސް

26 Dec 2019 | 17:32

2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގައި ހާލުޖެހުނު ފަރާތްތަކުގެ ތެރެއިން ގެ ދޮރު އިމާރާތްކުރުމަށް ސަރުކާރުން ލޯނު ނެގި 592 މީހެއްގެ ލޯނު މިހާރު ވާނީ މައާފުކޮށްދެއްވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ދެއްވި ހިތޯބުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ސުނާމީ ކާރިސާގައި އެކިވަރުގެ ގެއްލުން ލިބުނު 190 ރަށުގެ ރައްޔިތުން، ދިރިއުޅުމުގެ އާންމު ހާލަތަށް އިއާދަކުރުމަށްޓަކައި، މިދިޔަ 15 އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް އެކި ސަރުކާރުތަކުން ކޮށްފި ކަމަށެވެ.

އޭގެތެރެއިންވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ދިރިނޫޅެވޭވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ފަސް ރަށެއްގެ މީހުން، އެހެން ރަށްރަށުގައި ވަޒަންވެރިކޮށް އާބާދުކުރުވުންކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުވެސް ރަށްރަށުގެ ޝަކުވާތަކާއި އަދި ހައްލުކުރަން ޖެހިފައި ހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.

''އޭގެތެރެއިން ބައެއް ކަންކަމަކީ، ބައެއް މީހުން ނަގާފައި ހުރި ލޯނުތައް ނުދެއްކި ދަރަނިވެރިވަމުންދާ ދިޔުން. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަޅުގަނޑުމެން ކުރި މަސައްކަތުން އޭރު ލޯނު ނަގާފައިވާ 592 ލޯނު މިހާރު ވަނީ އެންމެންނަށް މަޢާފުކޮށްދެވިފައި. އޭގެތެރޭގައި، ކޮޅުފުށީގެ ގެ މަރާމާތުކުރުމަށް ދޫކުރި ލޯނުތައްވެސް ހިމެނޭ.'' ރައީސް ވިދާޅުވިއެވެ.

އަދި އޭގެއިތުރުން، ރ. ދުވާފަރާއި، އެ ރަށުގެ މީހުންގެ ގެތަކުގެ ރަޖިސްޓްރީގެ މައްސަލަ ހައްލުކޮށް، ގޭގޭގެ ރަޖިސްޓްރީ، އެ ގޭގޭގެ ވެރިންނަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށްވެސް ރައިސް ވިދާޅުވިއެވެ.

ސުނާމީގައި ދިވެހިންގެ ތެރެއިން 82 މީހުން މަރުވެ، ވީނުވީއެއް ނޭނގި 26 މީހުން ވަނީ ގެއްލިފައެވެ. އެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެ ހިތްދަތި ވަގުތުގައިވެސް، އެއް އާއިލާ އަނެއް އާއިލާއަށް، އަދި އެއް ރަށުގެ މީހުން އަނެއް ރަށުގެ މީހުންނަށް، ވެދިން އެހީތެރިކަމާއި ބެހެއްޓި އޯގާތެރިކަމުގެ ސަބަބުން މުޖުތަމައު އެއްބައިވެފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް