ރައީސް ޔާމީނުގެ އިސްތިއުނާފީ ހައްގަށް ހުރަސްނާޅުއްވާ: ވަކީލު އާސިފު

27 Dec 2019 | 11:26

މަނީ ލޯންޑާގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސްތިއުނާފީ ހައްގަށް ހުރަސް ނޭޅުމަށް ރައިސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން އާދަމް އާސިފު ވިދާޅުވެއްޖެއެވެ.

އާދަމް އާސިފު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓްގައި ހުރި އެމްއެމްޕީއާރުސީގެ ފައިސާ ދައުލަތަށް ނަގަން ޕީޖީ އޮފީހުން ކުރިމިނަލް ކޯޓުގައި އެދުމުންނެވެ.

ޗެނަލް ތާޓީނުން މިރޭ ގެނެސްދިން ''ނިއުސްޓޯކު'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާސިފު ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފީ މަރުހަލާ ނުފެށި އުޅެނިކޮށް، ރައީސް ޔާމީންގެ އެކަުންޓްގައި ހުރި ފައިސާ ނަގަން ދައުލަތުން ކޯޓަށް ހުށަހެޅުމަކީ އިސްތިއުނާފީ ހައްގަށް ހުރަސް އެޅުން ކަމަށެވެ.

އާސިފު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ނަގަން ކޯޓުގައި ދައުލަތުން އެދުނީ ސަރުކާރުގެ ތެރެއިން ޕީޖީ އަށް ޕްރެޝަރުތަކެއް އައުމުން ކަމަށެވެ. އެނާ ވިދާޅުވީ ކޯޓުގެ ހުކުމުގައި އެއްވެސް ހާލެއްގައި ރައީސް ޔާމީންގެ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަންގާފައި ނެތް ކަމަށެވެ.

އާސިފު ވިދާޅުވީ އިސްތިއުނާފުގެ މަރުހަލާވެސް އޮއްވައި، އެގޮތަށް ދައުލަތަށް ނަގަން އެދުމަކީ ގާނޫނާވެސް ހިލާފު ކަމެއް ކަމަށެވެ.

އެކައުންޓްގައި ހުރި ފައިސާ ނަގަން މަސައްކަތް ފެށީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރިތާ ދެވަނަ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

''އަވަސް އަރުވާލައިގެން ސިޔާސީ ދައުވާއެއް ކުރަން އުޅުމުގެ ތެރޭގައި އަވަސް އަރުވާލައިގެން ގޮސް އަތްދަށުން ދޫވެގެން ގޮސްފައި މިހުރީ. މީގަ އަޅުގަނޑު ފާހަގަކުރާ ކަމެއްވެސް އޮންނާނެ. އެއީ ދައުވާތެރޭގައި ވޮޑަމުލާގެ ނަންވެސް ނޯންނާނެ.'' އާސިފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް، އެމީހާގެ ރުހުން ނެތި ނުނެގޭނެ ކަމަށް ގާނޫނުގައި ބުނެފައިވާކަމަށެވެ.

އެހެންކަމުން ރައީސް ޔާމީންގެ އެކައުންޓުން ފައިސާ ނަގަން ނިންމި ނިންމުމަކީ ގާނޫނުތަކާއި ގަވައިދުގެ ބޭރުން ހިންގާ ޖަރީމާއެއް ކަމަށް އާސިފު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް