ކުލި ބޮޑުވުމުގެ މައްސަލަ ހައްލުކުރެވޭނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީގެން: ޝިޔާމު
މާލޭގެ އިމާރާތްތަކުގެ ކުލި ބޮޑުކުރާ މައްސަލައަށް ހައްލެއް ލިބިގެންދާނީ، ގާނޫނު އަސަސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު މިހެން ވިދާޅުވީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންކަމް ޓެކްސް ނަގަން ނިންމުމާއި ގުޅިގެން، މާލޭގެ އިމާރާތްތަކުގެ ކުލި ބޮޑުކުރަމުންދާ މައްސަލައިގައި އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ޝިޔާމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުލި ކުޑަކުރުމުގެ ވިސްނުމެއްވެސް އަދި އެކަމުގެ ގާބިލުކަމެއްވެސް މިސަރުކާރުގައި ނެތް ކަމަށެވެ.
ޝިޔާމު ވިދާޅުވި ގޮތުގައި ކުލިކުޑަކުރެވޭނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދީގެން މެނުވީ ކުލި ކުޑަ ނުކުރެވެނެއެވެ.
ކުލިކުޑަކުރުމާއި ގުޅޭ ގޮތުން ގާނޫނެއް ފާސްކުރުމަށް ގިނަ ރައްޔިތުން އެދެމުންދާއިރު، މިހާތަނަށް އެފަދަ ގާނޫނެއް ހެދިފައެއް ނެތެވެ.
ކުލި ކުޑަކުރުމާއި ބެހޭ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގައިވެސް ބަހުސްތަކެއް ކޮށްފައިވެއެވެ.
ނަމަވެސް ޔާމީންގެ ސަރުކާރުގައި ނިންމާފައިވަނީ މާލޭގެ ކުލި ކުޑަކުރެވޭނީ ތޮއްޖެހުން ކުޑަކޮށްގެން ކަމަށް ބުނެފައެވެ. ތޮއްޖެހުން ކުޑަކުރުމަށް ހުޅުމާލެ ފޭސް ދޭއް ހިއްކައި ޔޫތު ސިޓީގައި 7000 ހައުސިން ޔުނިޓު އިމާރާތް ކުރިއެވެ.
އެއާއެކު މާލޭގައި ދިރިއުޅުނު އެތައް ބަޔަކު އެމީހުންނަށް ދިން ފުލެޓް ތަކަށް ބަދަލުވި ނަމަވެސް، މާލޭގެ ކުލި ކުޑައެއް ނުވިއެވެ.
އެންމެ ފަހުން އަންނަ މަހުގެ އެކަކުން ފެށިގެން 60000 ރުފިޔާއިން މަތިން އާމްދަނީލިބޭ މީހުން އަތުން ޓެކްސް ނަގަން ނިންމުމުން އަންނަ އަހަރުން ފެށިގެން އިމާރާތްތަކުގެ ކުލި މިހާރު ވަނީ އަތްނުފޯރާ ފަށަށް އަރައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists