އިންކަމް ޓެކުހާއެކު ކުލި ބޮޑުވެއްޖެ،ނިކަމެތިންނަށް އަނެއްކާވެސް އިތުރު ބުރައެއް!

04 Jan 2020 | 08:58

އަންނަ ޖެނުއަރީ އެކަކުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާއިރު، މާލޭގެ އިމާރާތްތަކުގެ ކުލި މިހާރު ވަނީ އިންތިހާއަށް އުފުލިފައެވެ.

ތަފާތު ބޭނުންތަކުގައި އަތޮޅުތަކުގެ އެތައް ރައްޔިތުންގެ އާއިލާ އާއެކު ދިރިއުޅެމުންދާ މާލެ އަކީ އިމާރާތުގެ ކުލި އަބަދުވެސް ބޮޑު ތަނެއްކަން ފާހަގަކޮށްލެވެއެވެ. އެކަމުގެ ޝަކުވާ އަބަދުވެސް މަލޭގައި ދިރިއުޅޭ ރަށްފުށުގެ ނިކަމެތިން ކުރެއެވެ.

އެކަމަށް އިތުރު ގޮންޖެހުންތަކެއް އަނެއްކާވެސް ކުރިމަތިވެފައި މިވަނީ އިންކަމް ޓެކްސް ނަގަން ނިންމުމުންނެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު ފާސް ކުރުމުން، 60،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނަގާނެއެވެ. އެހެންކަމުން މާލޭގެ ވަރަށް ގިނަ ބިންވެރިންގެ އަތުން މި ޓެކްސް ނަގާނެއެވެ

ޓެކްސް ބުލުގެ ބަހުސް ިމަރުހަލާ ިކުރިޔަށް ދިޔައިރު، އިދިކޮޅުބައެއް މެމްބަރުންވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ނަގަންފެށުމުން އެކަމުގެ ދަތިތައް އުފުލަންޖެހޭނީ ނިކަމެތި ރައްޔިތުން ކަމަށް މެންބަރުން ވިދާޅުވިއެވެ.

އިންކަމް ޓެކްސް ނެގުމާއި ހަމަޔަށް ދިޔައިރު، މާލޭގެ އިމާރާތްތަކުގެ ކުއްޔަށް މިހާރު ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. ބައެއް އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ މަހު ކުއްޔަށް 2500 އިތުރުކޮށްފައި ވާއިރު، ބައެއް ފަރާތްތަކުން 3000 ރިުފިޔާ އިތުރުކޮށްފައި ވެއެވެ. އެކަމުގެ ކަންބޮޑުވުން އާންމު ފަރާތްތަކުން މީސް މީޑިއާގައި ފާޅުކުރަމުން އެބަ ދެއެވެ.

މާލޭގެ އިމާރާތްތަކުގެ ކުލި ކުޑަ ކުރުމަކީީ ރައިސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ވެރިކަމަށް އަހަރު ފުރުނު ފަހުން ތަސްދީގު ކުރެއްވި އިންކަމް ޓެކްސްގެ ބިލަށް އަމަލުކުރަން ފަށާއިރު، ކުލި ކުޑަ ކުރާނެ ގާނޫނެއް ވުޖޫދަކަށް ނައެވެ. އެހެންކަމުން ކުލި ކުޑަކުރުމުގެ ބަދަލުގައި ރައްޔިތުންނަށް އުފުލަންޖެހުނީ އިތުރު ބުރައެކެވެ. އިތުރު ތަކުލީފެކެވެ.

ކުލި ކުޑަކުރުމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަމަށް ފިޔަވަޅެއް ނާޅުއްވައި އިންކަމް ޓެކްސް ނަގަން ނިންމި ނިންމުން ވެގެން ދިޔައީ، ޕާކުކުރާނެ ތަނެއް ނުދައްކައި އިސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވި ވިދާޅުވުމާއި އެއްފަދަ ކަމަކަށެވެ. ކުލި ކުޑަކުރަން އެއްވެސް ފިޔަވަޅެއް ސަރުކާރަކަށް ނޭޅުނެވެ. އެކަމަކު އިންކަމް ޓެކްސްވެސް ނަގަން ނިންމީއެވެ. ޕާކުކުރާނެ ތަނެއްވެސް ނުދެއްކި އިސްޓިކާވެސް ޖަހަން ފެށީއެވެ. މިއީ ހައްތަހާވެސް ރައްޔިތުންނަށް އިތުރު ބުރައެވެ.

މުއްސަނދިން މުއްސަނދިވުމަށް މަގުތައް ފަހިކޮށްދެމުންދާއިރު، ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތިވެ، ހަނާވަމުން ދަނީއެވެ. މިކަމާ މެދު ވިސްނާލީ ކޮން ސަރުކާރަކުން، ކޮން ވެރިއެއްތޯއެވެ.

Advertisement

ކޮމެންޓް